އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސްގެ ސްކޮލާޝިޕް ސްކީމު އިތުރު ދެ ދިވެހިންނަށް ދީފިއެވެ.
އިންޑިއާގެ ފަރާތުން އެ ސްކޮލާޝިޕްއާ ގުޅޭ ކަންކަން ބަލަހައްޓަނީ މާލޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުންނެވެ. ދިވެހި ދަރިވަރުން ހުށަހަޅާ ފޯމުތައް ޕްރޮސެސް ކުރަނީ އެ ސެންޓަރާއި ރާއްޖޭގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެންނެވެ.
އެ ސްކޮލާޝިޕް މެދުވެރިކޮށް ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް ވަނީ ކޮންމެ އަހަރަކުވެސް އިންޑިއާގެ ޔުނިވާސިޓީތަކުން އަންޑާ ގްރެޖުއޭޓް، ޕޯސްޓް ގްރެޖުއޭޓް މާސްޓާޒް އަދި ޕީއެޗްޑީ ފެންވަރުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިއެވެ. އެ ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދޭނީ އެ ފަރާތްތަކުގެ ތައުލީމީ ފެންވަރު ވަޒަން ކުރުމަށް ފަހުގައެވެ.
ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުން، ބުނީ މިމަހުގެ 14ގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމަޝަނަރު ސަންޖޭ ސުދީރް ވަނީ 2020–2021ގެ ސްކޮލާޝިޕް ލިބިފައިވާ އަބޫބަކުރު ލުތުފީ އަދި އަލާއު އަދުނާންއާ ބައްދަލުކުރައްވައިފައެވެ.
އަބޫބަކުރު ލުތުފީއަކީ ކާލިކަޓް ޔުނިވާސިޓީން އެމްބީއޭ ފުރިހަމަކުރަމުން އަންނަ ފަރާތެކެވެ. އަދި އަލާއުއަކީ ދިއްލީ ޔުނިވާސިޓީން އިކޮނޮމިކްސްގެ ދާއިރާއިން ބެޗެލާޒް ޑިގްރީއެއް ފުރިހަމަ ކުރަމުން އަންނަ ފަރާތެކެވެ.
މީގެ އިތުރުން އެހެން ދަރިވަރެއް ކަމަށްވާ އާއިޝަތު ރަޝީދާ ވަނީ މިދިޔަ އަހަރު ކޮޗިން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއާ ގުޅިފައެވެ. އަދި އައްޑުއަށް ނިސްބަތްވާ ދަރިވަރެއް ކަމަށްވާ ފާތިމަތު ތީބާ ބަޔޯޓެކްނޮލޮޖީގެ ރޮނގުން ތައުލީމު ހާސިލު ކުރުމަށް ޕޫނޭއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސްގެ ސްކޮލާޝިޕް ސްކީމް މެދުވެރިކޮށް ކޮންމެ އަހަރަކުވެސް އިންޑިއާ ސަރުކާރުން ދިވެހި ދަރިވަރުންނަށް ސްކޮލާޝިޕް ފޯރުކޮށްދެއެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް 39 ދަރިވަރަކަށް ސްކޮލާޝިޕެއް ލިބެއެވެ.