ކައުންސިލްތަކަށް ލިބޭ މިނިވަންކަމާއެކު ޒިންމާތަކެއް ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވެފައިވަނީ "ޖަޒީރާ ހޮޅުއަށި" ސިލްސިލާގެ ދެވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ. ނައިބު ރައީސް ފައިސަލް ނަސީމުގެ އިތުރުން ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަތް މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވަނީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި ވިދާޅުވެފައެވެ. މިގޮތުން ލާމަރުކަޒީ އުސޫލަށް ގެންނަންޖެހޭ ގިނަ ބަދަލުތަކެއް ހުރިކަމާއި، އެގޮތުން ކައުންސިލްތަކަށް ބޮޑަށް ގާނޫނީ ބާރު ދިނުމަކީ ސަރުކާރު ވިސްނުމުގަިއ ހުރިކަމެއްކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
މީގެ އިތުރުން ހަމައެކަނި ގާނޫނީ ބާރު ލިބިދިނުމުން ކައުންސިލްތައް ނުހިނގާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ގާނޫނީ ބާރުގެ އިތުރުން މާލީ ފުދުންތެރިކަން ލާމަރުކަޒީ ކުރެވެންޖެހޭނެ ކަމަށާއި މިއީ މިސަރުކާރުން ކުރަން ކަނޑައަޅާފައިވާ ކަމެއްކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ. އެގޮތުން އަތޮޅު ކައުންސިލްތަކަށް އެއަތޮޅުގެ އެކި ބިންތައް ކުއްޔަށް ދީގެން ސަރުކާރަށް ލިބޭ އާމްދަނީ ލިބޭނެ ރަނގަޅު ގޮތެއް ކަނޑައެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ހަމައެއާއެކު ރަށުގައި ލިބެންޖެހޭ އަސާސީ ހިދުމަތްތަކާއި ކުރާ ތަރައްގީގެ މަސައްކަތްތައް ކައުންސިލްތައް މެދުވެރިކޮށް، ކައުންސިލްގެ ބައިވެރިވުމާއެކު، ރައްޔިތުންގެ ވިސްނުމާއެކީ ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންއަންނަ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމާއެކު ކައުންސިލްތަކަށް ލިބޭ މިނިވަންކަން އިތުރުވާއިރު ޒިންމާދާރުކަމާއެކު މިނިވަންކަމުގެ ބޭނުން ކުރުން މުހިއްމުކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ކައުންސިލަށް ލިބޭ މާލީ ފުއްދުންތެރިކަމުގެ ބޭނުން ރައްޔިތުންނަށް ފައިދާވަނިވި ގޮތެއްގައި ބޭނުން ކުރުމަކީ ކައުންސިލުގެ ޒިންމާއެއްކަން ރައީސް ސޯލިހު ފާހަގަ ކުރެއްވިއެވެ.
"ލާމަރުކަޒީ އުސޫލުގެ ދަށުން ކައުންސިލްތަކަށް ބާރުތައް ދޫކޮށްފިނަމަ ކައުންސިލުތައް ޒިންމާދާރުވެރިކަމާއެކު މަސައްކަތް ކުރަން ޖެހޭ، ދައުލަތުން ދޭ ފައިސާ ޒިންމާދާރުވެރިކަމާއެކު ބޭނުންކޮށް ރައްޔިތުންގެ ލާބައަށް މަސައްކަތް ކުރަން ޖެހޭ"
މި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ކައުންސިލުތަކުން މިހާތަނަށް ރަނގަޅަށް ކުރެވިފަ ވަނީ ކޮންކަމެއްތޯ، ކޮންކަމެއްތޯ ނުކުރެވެނީ އަދި ގެންނަންވީ ކޮންކޮން ބަދަލެއްތޯ ހިއްސާކުރުމުން ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނެކަމަށް ވިދާޅުވެފައެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހުގެނައުމަށް ރައްޔިތުންގެ ހިޔާލުހޯދުމަށް މީގެ ކުރިން ވަނީ ހދ. ކުޅުދުއްފުުށި، ށ. ފުނަދޫ، ރ. އަލިފުށި، ކ. ގާފަރު އަދި އައްޑޫ ސިޓީގައި ބައްދަލުވުން ބޭއްވި މަޝްވަރާކުރުންތައް ކުރިއަށް ގެންދެވިފައެވެ. މިރޭ މާލޭގައި ކުރިއަށް މިދިޔައީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވުނު އެންމެ ފަހު ބައްދަލުވުމެވެ.