އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ކުޅުދުއްފުށި ސިޓީއަށާއި ހދ. ކުމުންދޫ އަދި ހަނިމާދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި، ފުރަތަމަ ވަޑައިގެންނެވީ ކުޅުދުއްފުށި ސިޓީއަށެވެ. ރައީސްގެ ދެކަނބަލުން ކުޅުދުއްފުށްޓަށް ވަޑައިގެން އެ ސިޓީގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާއި އެސިޓީގެ ތިން ސުކޫލުގެ އިސްވެރިންނާއި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ އިސްވެރިންނާ ބައްދަލުކުރެއްވެވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ހދ. ކުޅުދުއްފުށީ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި އެ މުއައްސަސާގެ އިސްވެރިންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރައްވާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފައެވެ.
ކުޅުދުއްފުށީ ސިޓީން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދެން ވަޑައިގެންނެވީ ހދ. ކުމުންދޫއަށެވެ. އެރަށުގައި ރައީސް ސޯލިހު ވަނީ ހދ. ކުމުންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައިފައެވެ. އަދި އެ ދެކަނބަލުން ވަނީ ހދ. ކުމުންދޫ ސިއްހީ މަރުކަޒަށާއި ސްކޫލަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ ހާލަތު ބައްލަވާލައްވައިފައެވެ.
ތިން ދުވަހުގެ މި ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން އެ ދެކަނބަލުން ވަޑައިގެންނެވީ ހދ. ހަނިމާދޫއަށެވެ. ހަނިމާދޫގައި ވެސް އެ ދެކަނބަލުން ހަނިމާދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ވަނީ ބައްދަލުކުރައްވައިފައެވެ. އަދި މީގެ އިތުރުން އެ ދެކަނބަލުން ވަނީ ހަނިމާދޫގެ ސްކޫލަށާއި ހެލްތު ސެންޓަރަށާއި ބަނދަރަށް ޒިޔާރާތްކުރައްވައި އެތަންތަނުގެ ހާލަތު ބައްލަވާލައްވައިފައެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ ހަނިމާދޫ މަގުތަކުގެ ތާރު އެޅުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފައެވެ.