ޚަބަރު

ކޮމަންވެލްތުގެ ފަރާތުން ރާއްޖެއަށް އައި ވަފުދުން ރައީސް ސޯލިހުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

މަރިޔަމް ޝަހުދާ

ކޮމަންވެލްތުގެ ފަރާތުން ރާއްޖެއަށް އައި ވަފުދުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ރައީސް ވަނީ ކޮމަންވެލްތްއިން ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ފޯޜުކޮށްދީފައިވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރުދަންނަވައިފައެވެ. މީގެ އިތުރުން ރައީސް ވަނީ ކޮމަންވެލްތާ ގުޅުމަކީ ސަރުކާރުގެ މައިގަނޑު އެއް ވައުދުކަން ފާހަގަކުރައްވައި އަލުން ކޮމަންވެލްތާ ގުޅުމަށް ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.

ކޮމަންވެލްތުގެ ވަފުދުން ވަނީ ރާއްޖެއަށް މިކުރެއްވި ދަތުރުފުޅުގައި ރާއްޖެއިން އަދާކުރެއްވި މެހެމާންދާރީއަށް ޝުކުރުދައްނަވައި މި ކުރެއްވި ދަތުރަކީ ކާމިޔާބު ދަތުރެއްކަން ފާހަގަކުރައްވައިފައެވެ. މީގެ އިތުރުން މި ވަފުދުން ވަނީ މި ދަތުރުގައި ސަރުކާރުގެ އެކިއެކި މުހިންމު އިދާރާތަކުގެ ބޭފުޅުންނާ ބައްދަލުވުމުން އެކަމާ މެދު ހިތްހަމަޖެހޭ ކަމަށް ވިދާޅުވެފައެވެ.

ކޮމަންވެލްތުގެ ސެކްރެޓޭރިއެޓް ޓީމުގެ މި ދަތުރުގެ ބޭނުމަކީ ރާއްޖެއިން އަލުން ކޮމަންވެލްތުގެ މެމްބަރަކަށްވުމަށް ހުށަހަޅާފައިވާތީ، މެމްބަރަކަށްވުމުގެ ޝަރުތުތައް ހަމަވޭތޯ ބެލުމާއި ރާއްޖެއިން ކޮމަންވެލްތުގެ ޗާޓަރަށް އަމަލުކުރުމަށް ތައްޔާރަށް އޮތް މިންވަރު ބެލުމުގެ އިތުރުން ސަރުކާރުގެ އިސް ފަރާތްތަކާއި ބައްދަލުކުރުމެވެ. ރާއްޖެއަށް ވަޑައިގެންނެވި ކޮމަންވެލްތު ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުގައި ވަޑައިގެންނެވީ އެޑްވައިޒަރ އަދި ކޮމަނެވެލްތު ސެކްރެޓޭރިއެޓްގެ އޭޝިއާ/ޔޫރަޕް/ކެރީބިއަން/ޕެސިފިކް ސަރަހައްދުތަކާ ބެހޭ ވެރިޔާ މިސްޓަރ އަލްބަރޓް މެރީނާއެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮމަނެވެލްތާ ގުޅިފައިވަނީ 1982 ވަނަ އަހަރުއެވެ. އަދި ކޮމަންވެލްތުން ވަކިވެފައިވަނީ 34 އަހަރު އެޖަމްއިއްޔާގެ މެމްބަރެއްގެ ގޮތުގައި އޮތުމަށްފަހު 2016 ވަނަ އަހަރުއެވެ. ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ދިވެހިރާއްޖެއިން ކޮމަންވެލްތުގެ މެމްބަރަކަށް ވުމުގެ ޝައުގުވެރިކަން ފާޅުކޮށް، އެ ޖަމިއްޔާއަށް ވަނީ ހުށަހަޅައިފައެވެ.

ދިވެހި ސަރުކާރުން މިހާރު ދަނީ ކޮމަންވެލްތުގެ މެމްބަރަކަށް ދިވެހިރާއްޖެ ވުމަށް ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކުރަމުންނެވެ.