ޚަބަރު

ކޮމަންވެލްތުގެ ސެކްރެޓޭރިއެޓް ޓީމު، ދިވެހި މީޑިއާތަކާ ބައްދަލުކޮށްފި

ދިވެހިރާއްޖެއަށް އަލުން ކޮމަންވެލްތުގެ މެންބަރޝިޕް ދިނުމަށް ރާއްޖޭގެ އެސެސްމެންޓެއް ހެއްދެވުމަށް ވަޑައިގެންނެވި ކޮމަންވެލްތުގެ ސެކްރެޓޭރިއެޓް ޓީމު، ދިވެހި މީޑިއާތަކާ ބައްދަލުކުރައްވައިފިއެވެ.

ކޮމަންވެލްތުގެ ސެކްރެޓޭރިއެޓް ޓީމު ދިވެހި މީޑިއާތަކާ ބައްދަލުކުރައްވާފައިވަނީ މިއަދު މޯލްޑިވްސް މީޑިއާ ކައުންސިލުގައެވެ.

ކޮމަންވެލްތުގެ ސެކްރެޓޭރިއެޓް ޓީމުން ނުވަ މީޑިއާއަކަށް ބައްދަލުވުމުގައި ބައިވެރިވުމަށް ދައުވަތު އެރުވިއެވެ. މިއަދު ބޭއްވި އެ ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ވަން އޮންލައިނާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަދި ރާއްޖެ ޓީވީންނެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި "ވަން އޮންލައިން"ގެ ޗެއާޕާސަން މިންހާ ފާއިޒް ރަޝާދު ވިދާޅުވީ މީޑިއާތަކަށް ދިމާވާ ގޮންޖެހުންތަކާއި މީޑިއާތައް އޮޕަރޭޓުކުރާ ގޮތް އަދި އަލުން ކޮމަންވެލްތާ ރާއްޖެ ގުޅުމާ މެދު ރައްޔިތުންނާއި މީޑިއާއިން ދެކޭ ގޮތާ މެދު އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމަށެވެ.

ކޮމަންވެލްތުގެ ސެކްރެޓޭރިއެޓް ޓީމުން ކުރާ މި ދަތުރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާއި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާ ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން ކެބިނެޓްގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިންނާއި ސަރުކާރުގެ ބައެއް އިދާރާތަކާއި މިނިވަން މުއައްސަސާތަކާއި ސިޔާސީ ޕާޓީތައް ބައެއް މީޑިއާތަކާއެކު އެބޭފުޅުން ބައްދަލުކުރައްވާނެއެވެ.

ކޮމަންވެލްތުގެ ސެކްރެޓޭރިއެޓް ޓީމުގެ މި ދަތުރުގެ ބޭނުމަކީ ރާއްޖެއިން އަލުން ކޮމަންވެލްތުގެ މެމްބަރަކަށްވުމަށް ހުށަހަޅާފައިވާތީ، މެމްބަރަކަށްވުމުގެ ޝަރުތުތައް ހަމަވޭތޯ ބެލުމާއި ރާއްޖެއިން ކޮމަންވެލްތުގެ ޗާޓަރަށް އަމަލުކުރުމަށް ތައްޔާރަށް އޮތް މިންވަރު ބެލުމުގެ އިތުރުން ސަރުކާރުގެ އިސް ފަރާތްތަކާއި ބައްދަލުކުރުމެވެ. ރާއްޖެއަށް ވަޑައިގެންނެވި ކޮމަންވެލްތު ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުގައި ވަޑައިގެންނެވީ އެޑްވައިޒަރ އަދި ކޮމަނެވެލްތު ސެކްރެޓޭރިއެޓްގެ އޭޝިއާ/ޔޫރަޕް/ކެރީބިއަން/ޕެސިފިކް ސަރަހައްދުތަކާ ބެހޭ ވެރިޔާ މިސްޓަރ އަލްބަރޓް މެރީނާއެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮމަނެވެލްތާ ގުޅިފައިވަނީ 1982 ވަނަ އަހަރުއެވެ. އަދި ކޮމަންވެލްތުން ވަކިވެފައިވަނީ 34 އަހަރު އެޖަމްއިއްޔާގެ މެމްބަރެއްގެ ގޮތުގައި އޮތުމަށްފަހު 2016 ވަނަ އަހަރުއެވެ. ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ދިވެހިރާއްޖެއިން ކޮމަންވެލްތުގެ މެމްބަރަކަށް ވުމުގެ ޝައުގުވެރިކަން ފާޅުކޮށް، އެ ޖަމިއްޔާއަށް ވަނީ ހުށަހަޅައިފައެވެ.

ދިވެހި ސަރުކާރުން މިހާރު ދަނީ ކޮމަންވެލްތުގެ މެމްބަރަކަށް ދިވެހިރާއްޖެ ވުމަށް ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކުރަމުންނެވެ.