ޚަބަރު

ސަރުކާރު ކޯލިޝަންގެ ބޭރުން އެއްވެސް ބަޔަކާ ނުގުޅޭނަން: މައުމޫނު

އިބްރާހިމް ޒަކީ

ސަރުކާރު ކޯލީޝަންގައި ހިމެނޭ ސިޔާސީ ޕާޓީތައް ފިޔަވައި އެހެން ސިޔާސީ ޕާޓީއަކާއެކު، ރައީސް މައުމޫނު އުފައްދަވާ އާ ސިޔާސީ ޕާޓީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން މަސައްކަތް ނުކުރާނެ ކަމަށް ރައީސް މައުމޫނު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް އުފެއްދުން އިއްލާން ކުރުމަށްޓަކައި ސޯލްޓް ކެފޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަމަށް ޖަވާބު ދެއްވަމުން ރައީސް މައުމޫނު ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ސަރުކާރު ކޯލީޝަންގެ ތެރޭގައި ހިމެނޭ ކޮންމެ ޕާޓިއަކާއެކުވެސް ކުރިއައްދާން ތައްޔާރަށް ތިއްބެވި ކަމަށެވެ.

"އެއީ އެމްޑީޕީ ވިޔަސް، އަދާލަތު ވިޔަސް، ޖުމްހޫރީ ޕާޓީ ވިޔަސް އެބޭފުޅުންނާ ވާހަކަދައްކައި، މަޝްވަރާކޮށްގެން އެއްބަސްވެވޭ ކޮންމެ ގޮތަކަށް ކުރިއަށްދާން މިތިބީ ތައްޔާރަށް.

އެނޫން ޕާޓީއެއް ނޯންނާނެ، އަޅުގަޑުމެން އެބޭފުޅުންނާއެކީގައި ކޯލީޝަން ހަދާނެ މަސައްކަތްކުރާނެ،" ރައީސް މައުމޫނު ވިދާޅުވި އެވެ.

ރައީސް މައުމޫނު ވިދާޅުވިގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކުން ވާދަކުރަން ނިންމާފައިވަނީ ޕާޓީތަކުގެ ލީޑަރުން އެއްބަސްވެފައިވާ ގޮތަކަށް ނޫނެވެ.

އެހެންކަމުން (އެމްއާރުއެމް) ފަރާތުންވެސް ބޭނުންވާ ކޮންމެ ދާއިރާއަަކަށް ކުރިމަތިލުމުގެ ހައްގު މިހާރު ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެކަމަކު ރައީސް މައުމޫނު ވިދާޅުވީ، ޕާޓީ ރަޖިސްޓްރީ ކުރެވިފައި ނުވާތީ (އެމްއާރުއެމް)ގެ މެންބަރުން މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނީ އަމިއްލަ ކެނޑިޑޭޓުންގެ ގޮތުގަ އެވެ.

އަދި އެއިން ކޮންމެ ބޭފުޅަކަށް ރައީސް މައުނޫނު އެންޑޯޒް ކޮށްފައިވާކަމުގެ ލިއުމެއް ދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް މައުމޫނު ވިދާޅުވީ، މައުމޫނު ރިފޯމް މޫވްމަންޓްގެ ނަމުގައި މަޖިލިސް އިންތިހާބަަށް ކުރިމަތިލުމަށް މީގެ ކުރިން ހުޅުވާލާފައިވާ ފުރުސަތުގައި 100 އަށްވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވާފައިވާ ކަމަށެވެ.

ނަމަވެސް އަދި މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނެ ދާއިރާތައް ނުނިންމަވާ ކަމަށްވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މަޖިލިސް އިންތިހާބާބެހޭ ކަންކަން ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ކޮމިޓީއެއް އެކުލަވާލައިފަ އެވެ.

އަދި މަޖިލީހަށް ކުރިމަތި ލާނެ ދާއިރާ ތަކާއި، އެ ދާއިތާތަކަށް ކުރިމަތި ލައްވާނެ ކެނޑިޑޭޓުންގެ ކަންކަން ނިންމަވާނީ އެ ކޮމިޓީން ކަމަށްވެސް ވިދާޅުވި އެވެ.