މެލޭޝިއާގެ ރަސްކަމަށް މިއަދު އިސްކުރެއްވި ޕަހަންގް ސްޓޭޓުގެ ސުލްތާން، އަބްދުﷲ ސުލްތާން އަހުމަދު ޝާހަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާއާއި ތަހުނިޔާ ދަންނަވައިފިއެވެ.
ރައީސް ސޯލިހު މިއަދު މެލޭޝިއާގެ ރަސްކަމަށް އިސްކުރެއްވި ބޭފުޅަށް ވަނީ މަރުހަބާގެ ސިޓީއެއް ފޮނުއްވާފައެވެ.
އެ ސިޓީގައި ރައީސް ވިދާޅުވީ ސުލްތާން އަހުމަދު ޝާހުގެ ރަސްކަމުގައި ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ދެކިލައްވާ ކަމަށެވެ.
އަދި އާ ރަސްކަމާއެކު ދެގައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް ގުޅުން އިތުރަށް ވަރުގަދަކޮށް ދެގައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ގުޅިގެން މަސައްކަތްކުރެއްވުމަށް އުއްމީދުކުރައްވާ ކަމަށެވެ.
ސުލްތާން އަބްދުﷲ ގައުމުގެ ރަސްކަމަށް މިއަދު އިސްކުރީ ކުރީގެ ރަސްގެފާނު ސުލްތާން މުހައްމަދު ފަހެއް މިމަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.