ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭ އާސަންދައިގެ ހިދުމަތުން ކޮންމެ އަހަރަކުވެސް އެންމެ ބޮޑު ހަރަދުކުރާ ފަސް ބައްޔަކީ ދުންފަތާ ގުޅުންހުރި ބަލިތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
"ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދު" އިފްތިތާހުކުރެއްވުމަށް މިއަދު ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ކަމަށެވެ.
"ރާއްޖޭގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ 84 ޕަސެންޓް މީހުން މަަރުވަނީ ކެންސަރާއި ހިތުގެ ބަލިތަކާއި ސްޓްރޯކާއި ފުއްޕާމޭގެ ބަލިތަކާއި ކިޑްނީއާ ގުޅުންހުރި ބަލިތަކުގައި. މިފަދަ ބަލިތަކަށް މީހުން ވާސިލުވާ މައިގަނޑު އެންމެ ބޮޑު ރިސްކް ފެކްޓާއަކީ ދުންފަތުގެ އިސްތިއުމާލުކުރުން،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަހަރަކު ރާއްޖޭގައި އަހަރަކު މަރުވާ ދިވެހީންގެ ކޮންމެ ދެމީހުން ކުރެ އެކަކަކީ ދުންފަތުގެ ސަބަބުން މަރުވާ މީހުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ކަމަށެވެ. އެއީ އަހަރަކު ގާތްގަނޑަކަށް 178 މީހުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދު އިފްތިތާހުކުރެއްވި ގަވާއިދާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ ގަވާއިދުގެ ބޭނުމަކީ ދުންފަތުގެ ބޭނުމާ މެދު އާންމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުން ކަމަށާއި ވަކިވަކި ސިނގިރޭޓު ވިއްކުން ހުއްޓުވުން ކަމަށެވެ.