ޚަބަރު

ވަކި ސިނގިރޭޓު ވިއްކުން ހުއްޓާލުން ހިމެނޭ ގަވާއިދު، ރައީސް ސޯލިހު އިފްތިތާހުކުރައްވައިފި

އަހުމަދު ޖައިޝަން

ވަކި ސިގިރޭޓް ވިއްކުން ހުއްޓާލުން ހިމެނޭ "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދު" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިފްތިތާހުކުރައްވައިފި އެވެ.

ރައީސް ސޯލިހު އެ ގަވާއިދު މިއަދު އިފްތިތާހުކުރައްވާފައިވަނީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

"ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދު"ގެ ދަށުން ވަކި ސިގިރޭޓް ވިއްކުން ހުއްޓާލުމުގެ އިތުރުން ދުންފަތުގެ ބާވަތްތަކުގެ ބޭރުގައި މަންޒަރު ހިމެނޭ ސިއްހީ އިންޒާރު ޖަހަން ޖެހޭނެއެވެ.

ދުންފަތުގެ ނުރައްކަލާމެދު އާންމުން ހޭލުންތެރިކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވައުދެކެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ހަސަން މުހައްމަދު ވިދާޅުވީ ސިނގިރޭޓު ބުއިމާ ކައިރިވާއިރު ގިނަ ފަހަރަށް އެއީ ކޯއްޗެއްކަންވެސް ފަރާތްތަކަށް ނޭނގޭ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި މަސްތުވާތަކެތި ބޭނުންކުރަން ފަށާ ފަރާތްތަކަކީ މީގެކުރީން ސިނގިރޭޓު ބޯން ފަށާފައި ތިބޭ ފަރާތްތައް ކަމަށެވެ.

ސިނގިރޭޓް ބޭނުންކުރާ ފަރާތްތަކުގެ ޕެކެޓުގައި އެއްވެސް ނިޝާނެއް އެއްޗެއް ނެތިހުރުމުގެ ސަބަބުން އެމީހުން އެ ބޭނުންކުރަނީ އެއީ ފެޝަނެއްގެ ގޮތުގައި ކަމަށް ހަސަން މުހައްމަދު ވިދާޅުވިއެވެ.

"އެ ފޮށީގައި މިހުންނަނީ މި ވަރަށް ސްމޫތު ރަހަތަކެއްދޭ ވަރަށް ރަނގަޅު އެއްޗެއްގެ ގޮތުގައި. އަޅުގަނޑުމެން އެއަށް ހޭނިފައި މިހުންނަނީ،" އޭނާ ވިދާޅުވިއެވެ.