އާ ސިޔާސީ ޕާޓީއެއް އުފައްދަން ކުރީގެ ރައީސް، މައުމޫން އަބްދުލް ގައްޔޫމް ނިންމަވައިފި އެވެ.
ސޯލްޓްގައި މިހާރު ކުރިޔަށްދާ ނޫސްވެރީންގެ ބައްދަލުވުމެއްގައި މިކަން އިއުލާނުކުރެއްވީ އެމްއާރްއެމްގެ ފަރާތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެވެ.
ރައީސް މައުމޫން ވިދާޅުވީ އަލަށް އުފައްދާ ސިޔާސީ ޕާޓީ އުފައްދަން ނިންމަވައިފައި ވަނީ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ނަމުގައި ކަމަށެވެ. އެ ޕާޓީ އުފެއްދުމަށް ޓަކައި ފޯމު ފުރުމުގެ މަސައްކަތާއި އެހެނިހެން މަސައްކަތްތައް ވެސް މިހާރު ފަށްޓަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމްއާރްއެމްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ރައީސް މައުމޫން ފެއްޓެވިއިރު މި ޕާޓީ ވެގެންދާނީ އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފައްދަވާ ތިންވަނަ ސިޔާސީ ޕާޓީ އަށެވެ. މީގެ ކުރިން އެމަނިކުފާނު އިސްވެ ހުންނަވައި ޑީއާރްޕީ އަދި ޕީޕީއެމް ވަނީ އުފައްދަވައިފައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫނު ވިދާޅުވި ގޮތުގައި، ޕީޕީއެމްގެ މިލްކިއްޔާތުގެ މައްސަލަ ކޯޓުގައި އޮއްވައި އިތުރު ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވީ، ސުޕްރީމްކޯޓުގައި ދިގުލައިގެން ގޮސް އެ މައްސަލަ ނިމޭނެ ދުވަހެއް ނޭނގޭތީ އެވެ.
އަދި ޕީޕީއެމްގެ ކޮންގްރެސް ބަލައި ނުގަތުމަށް އިލެކްޝަން ކޮމިޝަނުން ނިންމި ނިންމުން ބާތިލް ކޮށް އެއީ ސައްހަ ކޮންގްރެސް އެއް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ނިންމާފައިވާތީ، ޕީޕީއެމްގެ މިލްކިއްޔާތުގެ މައްސަލަ ވެސް އެގޮތަށް ނިމިގެން ހިގައިދާނެ ކަމަށް ގާނޫނީ ލަފާ ލިބިފައިވާތީ އެވެ.
ރައީސް މައުމޫނު ވިދާޅުވީ ގާނޫނީ ބޭފުޅުންނާ ވާހަކަދެއްކުމުން، ޕީޕީއެމްގެ މިލްކިއްޔާތުގެ މައްސަލައަކީ، ޕީޕީއެމް ކޮންގްރެސް މައްސަލައާ އެއްބާވަތުގެ މައްސަލައެއް ކަމުން، އެއް ބާވަތުގެ ދެ މައްސަލަ ސުޕްރީމް ކޯޓުގައި ދެގޮތަށް ނިމިގެންނުދާނެ ކަމަށް އެބޭފުޅުން ވިދާޅުވި ކަމަށެވެ.
ރައީސް މައުމޫނު ވިދާޅުވީ ޕީޕީއެމް އެމަނިކުފާނަށް ލިބޭގޮތަށް ކޯޓުން ނިންމައިފިނަމަ ހައްދަވާނެ ގޮތެއް އަދި ކަނޑަޅުއްވާފައެއް ނުވެ އެވެ. އަދި އެކަމާމެދު ގޮތެއް ނިންމަވާނީ އެ މައްސަލަ ނިމޭގޮތަކަށް ބައްލަވާފައި ކަމަށްވެސް ވިދާޅުވި އެވެ.