ޚަބަރު

ބޮޑެތި ޖޫރިމަނާތަކެއް ހިމަނައި، އިމާރާތްކުރުމުގެ ސަލާމަތީ ގަވާއިދަށް އަމަލުކުރަން ފަށައިފި

އަހުމަދު ޖައިޝަން

އިމާރާތްކުރުމުގެ ދާއިރާގައި ރައްކާތެރިކަމާއި ސަލާމަތަށް މިންގަނޑުތަކެއް ކަނޑައަޅައި އެކަންތައްތަކަށް އަމަލު ނުކުރާނަމަ ބޮޑެތި ޖޫރިމަނާކުރާގޮތަށް ގަވާއިދެއް ގެޒެޓުކޮށް އަމަލުކުރަން ފަށައިފިއެވެ.

މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރަސްޓްރަކްޗާއިން ވަނީ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދު" ގެޒެޓުކޮށްފައެވެ.

އެ ގަވާއިދުގައި ބުނެފައިވާގޮތުން އިއްޔެއިން ފެށިގެން އެ ގަވާއިދަށް އަމަލުކުރަން ފަށާނެ ކަމަށެވެ.

އެ ގަވާއިދުގައި ވަނީ އިމާރާތްކުރުމުގައި އަޅަންޖެހޭނެ ސަލާމަތީ ފިޔަވަޅުތައް ބަޔާންކޮށްފައެވެ. އެގޮތުން 1.5 މިލިއަން ރުފިޔާއަށްވުރެ ބޮޑު އިމާރާތްކުރުމުގެ މަޝްރޫއު ކުރިއަށްގެންދާ ނަމަ މުވައްޒަފުންނާއި އާންމުންގެ ސަލާމަތީ ކަންކަމާއި ސިއްހަތު ރައްކާތެރިކުރުމަށް މުވައްޒަފުންނަށް ތަމްރީނުދީ، އެކުލަވާލެވޭ ހެލްތު އެންޑް ސޭފްޓީ ކަރުދާހުގައިވާ ކަންކަން 90 ދުވަސްތެރޭގައި ތަންފީޒުކުރަންޖެހޭ ކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ.

އަދި އިމާރާތްކުރުމުގެ މަޝްރޫއެއްގެ އަގު 5،000،000 ރުފިޔާއަށްވުރެ މަތިވާނަމަ މަސައްކަތްކުރާ ފަރާތްތަކަށާއި ވަށައިގެންވާ ސަރަހައްދުގައި އުޅޭ މީހުންނަށާއި ތަކެއްޗަށް މަސައްކަތުގެ ވެށިން ލިބިދާނެ ގެއްލުމެއްގެ ބަދަލުދެވޭނެ ނިޒާމެއް ހަމަޖެއްސުމަށްޓަކައި، އެކަމާ އެކަށީގެންވާ އިންޝުއަރަންސެއް ޕޮލިސީއެެއް ކޮންޓްރެކްޓަރު ހޯދަން ލާޒިމުވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ގަވާއިދުގައި ބުނެފައިވަނީ މަސައްކަތް ކުރަމުން ދާއިރު އިމާރާތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން، އެމީހުން ކުރާ މަސައްކަތްތަކާ އެކަށީގެންވާ ފަދަ ގޮތަކަށް ހެދުންއަޅައި، ސޭފްޓީ ބެލްޓް، ސޭފްޓީ ހެލްމެޓް، ސޭފްޓީ ގްލަވް ނުވަތަ އަންގި، ސޭފްޓީ ބޫޓު، ވެލްޑިންގ މާސްކް އަދި ކުރާ މަސައްކަތާ ގުޅޭގޮތުން މަސައްކަތްކުރާ މީހާ ބޭނުންކުރަންޖެހޭ އެނޫން އެންމެހައި އާލާތްތައްވެސް ބޭނުންކޮށް، އެ މަސައްކަތާ އެކަށީގެންވާ ސަލާމަތީ ފިޔަވަޅު އަޅައިފައިވާކަން ކަށަވަރުކުރަންޖެހޭނެ ކަމަށެވެ.

ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް އިމާރާތްކުރުމުގެ މަސައްކަތްކުރާ ތަނުގައި ސަލާމަތީ ފިޔަވަޅުތައް ނާޅައި މަސައްކަތް ކުރާނަމަ އެކަން ރަނގަޅު ކުރުމަށް ތިން ދުވަހުގެ މުއްދަތެއް ދޭނެއެވެ. އަދި އެ މުއްދަތުގައި ރަނގަޅު ނުކުރެވިއްޖެނަމަ މައްސަލައިގެ ބޮޑު މިނަށް ބަލައި 25،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވަނީ އެ ގަވާއިދުގައި ބުނެފައެވެ.