ޚަބަރު

ކުރީގެ ނައިބު ރައީސް ޖިހާދަށް ރެހެންދި ފްލެޓް ރަޖިސްޓްރީކޮށްދިނުން މަޑުޖައްސައިލަން އަންގައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ ޖިހާދު ދިރިއުޅުއްވަން އެ ސަރުކާރުން ހަމަޖައްސަވައި، ފަހުން މިލްކުކޮށްދޭން އެދިފައިވާ ދެ ރެހެންދި ފްލެޓް މިލްކުކޮށްދިނުމުގެ މަަސައްކަތް މަޑުޖައްސައިލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހައުސިން މިނިސްޓްރީ އަށް އަންގަވައިފި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ތިން ވަނަ ނައިބު ރައީސް ކަމުގެ މަގާމު ފުުރުއްވި އަބްދުﷲ ޖިހާދު ދިރިއުޅުއްވަން ސަރުކާރުން ހަމަޖެއްސެވީ ރެހެންދި އިމާރާތުން ދެ ފްލެޓެވެ. އެއީ އެ ތަނުން ސަރުކާރަށް ލިބުނު 10 ފްލެޓުގެ ތެރެއިން 8 ފްލެޓް މިނިވަން މުއައްސަސާތަކުގެ ބައެއް ވެރީންނަށް ދިނުމަށްފަހު ބާކީ ހުރި ދެ ފްލެޓެވެ.

ނައިބު ރައީސް ޖިހާދު، ރެހެންދި ފްލެޓުގައި ދިރުއުޅުއްވަން ޖެހިވަޑައިގަތީ ރައީސުންނާއި ނައިބު ރައީސުން މި ފަހަކަށް އައިސް އާންމުގޮތެއްގައި ދިރިއުޅުއްވި ދެ ގެކޮޅުގެ ތެރެއިން ހިލާލީގޭގައި ރައީސް ޔާމީން ދިރިއުޅުއްވަމުން ގެންދެވި އިރު، މުލިއާގެ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ ކެމްޕޭން އޮފީހެއްގެ ގޮތުގައި ބޭނުންކުރައްވަމުން ގެންދެވުމުގެ ސަބަބުންނެވެ.

"ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން އޭސީސީގެ ރައީސް ހަަސަން ލުތުފީ މިއަދު ވިދާޅުވީ ނައިބު ރައީސް ޖިހާދު ދިރިއުޅުއްވި ދެ ރެހެންދި ފްލެޓް އެމަނިކުފާނަށް މިލްކުކޮށްދީ ރަޖިސްޓްރީކޮށްދިނުމަށް އެދި އޭރުގެ ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމަށް އަމަލުނުކޮށް އިހަށް މަޑުޖައްސައިލުމަށް ހައުސިން މިނިސްޓްރީއަށް އަންގަވައިފައިވާ ކަމަށެވެ.

"އެއީ އަޅުގަނޑުމެން ބަލަން ބޭނުންވާ ބައެއް ކަންކަން ބަލަން ވެގެން. އަދި އެކަން ކެންސަލް ކުރީކީ ނޫން. އިހަށް މަޑު ޖައްސައިލަން އެންގީ. އެކަމާ މެދު ހައުސިން މިނިސްޓްރީން ފިޔަވަޅެއް އެޅިކަމެއް ވެސް ނޭނގެ." ލުތުފީ ވިދާޅުވި އެވެ.

ލުތުފީ ވިދާޅުވީ ރައީސްކަން ކުރައްވާފައި ތިއްބަވާ ބޭފުޅުންނަށް ދައުލަތުން އިނާޔްތައް ލިބިވަޑައިގަންނަވާ އުސޫލު އޮންނަ އިރު ނައިބު ރައީސްކަން ކުރައްވައި ޝަރަފުވެރިކަމާ އެކު ވަކިވެވަޑައިގަންނަވާ ބޭފުޅަކު ވެސް އެހެން ނަގައި އެއްލައިލެވިގެން ވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެހެން ނަމަވެސް އެކަމާ މެދު ގޮތެއް ނިންމާނީ ސަރުކާރުން ކަމަށެވެ.

މި ކަމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.