ދައުލަތުން މާލީ ޒިންމާއެއް އުފުލަން ޖެހިދާނެ ފަދަ އެއްވެސް މުއާމަލާތެއް ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ނުނިންމުމަށް ފިނޭންސް މިނިސްޓްރީއަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ފަރާތްޕުޅުން އަންގަވައިފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަހްމަދު ލަތީފް ސޮއިކުރައްވާ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރަށް އެޑްރެސް ކުރައްވައި ފޮނުއްވި ސިޓީގައި ވެރިކަން ބަދަލުވުމުގެ މަރުހަލާ ފެށިފައިވާ ކަން ވަނީ ހާމަކޮށްފައެވެ. އަދި ދައުލަތުން މާލީ ޒިންމާއެއް އުފުލަން ޖެހިދާނެ ފަދަ އެއްވެސް މުއާމަލާތެއް އެ މަރުހަލާގައި ނުނިންމުމަށް އިބޫގެ ފަރާތްޕުޅުން އަންގަވާކަމަށް ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.
އޭގެ އިތުރުން އެ މަރުހަލާގައި އައު މަޝްރޫއުތައް ޓެންޑަރަށް ހުޅުވާނުލުމަށާއި، އައު މަޝްރޫއުތައް ނުފެށުމަށާއި، ދައުލަތުގެ ނަމުގައި ލޯނު ނުނެގުމަށް ވެސް އިބޫ އެދިލައްވާފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންއަކަށް އަހްމަދު ލަތީފް ހަމަޖައްސަވައި، ސަރުކާރުން މިހާރު އޭނާއަށް ވަނީ އޮފީހެއް ވެސް ހަމަޖައްސައިދީފައެވެ. ލަތީފްގެ މަސްއޫލިއްޔަތަކީ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށްގެންދިއުމެވެ.