އިންޑިއާއިން ރާއްޖެއަށް ޒަރޫރީ ކާބޯތަކެތި އެތެރެކުރުމުގެ ކޯޓާ އާކޮށްދީފިއެވެ.
ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު 1981 ވަނަ އަހަރު އެއްބަސްވެފައިވާ އެގްރިމަންޓް އޮން ޓްރޭޑް ކޯޕަރޭޝަންގެ ދަށުން ދިވެހިރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތީގެ ހަތް ބާވަތާއި އިމާރަތް ކުރުމަށް ބޭނުންވާ ދެ ބާވަތް އެ ގައުމުން އެތެރެކުރުމަށް ދޫކޮށްފައިވާ ކޯޓާ އާކޮށްދީފައިވަނީ މިދިޔަ ހޯމަ ދުވަހު ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
އެއީ އިންޑިއާއިން އެކްސްޕޯޓުކުރުމަށް އާންމުކޮށް މަނާކޮށްފައިވާ ތަކެތި ރާއްޖެއަށް ދޭ ހާއްސަ ހުއްދައެކެވެ. ކޮންމެ އަހަރަކު މި ކޯޓާ އާކުރަން ޖެހެއެވެ. ނަމަވެސް މިއަހަރު މި ކޯޓާ ވަނީ ތިން އަހަރުގެ މުއްދަތަކަށް އާ ކޮށްދީފައި ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. އެކަމުގެ ސަބަބުން މުދާ އެތެރެކުރާ ފަރާތްތަކަށް ހުއްޓުމެއް ނެތި މުދާ ލިބޭނެކަމުގެ ޔަގީންކަން ލިބިގެންދާނެއެވެ. ނުވަތަ އެކްސްޕޯޓް ޕްރިޑިކްޓަބިލިޓީ އިތުރުވެގެންދާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
މިއަހަރު އާކޮށްފައިވާ ކޯޓާއަކީ މިހާތަނަށް އެ ގައުމުން ހުއްދަ ދިން އެންމެ ބޮޑު ކޯޓާއެވެ. މިއީ މިދިޔަ އަހަރުގެ ޔުޓިލައިޒޭޝަނަށް ބަލައި، ރާއްޖެއިން އެދިފައިވާ އަދަދުތަކެވެ. އިމާރާތް ކުރުމުގެ ސިނާއަތަށް ބޭނުންވާ ކޯޓާ ވެސް އިތުރުކޮށްފައިވާ އިރު، އެ ސިނާއަތަށް ކޯޓާ އިތުރުކޮށްފައިވަނީ ކުރިއަށްއޮތް އަހަރުތަކުގެ ތެރޭގައި ގިނަ ޕްރޮޖެކްޓުތަކެއް ފެށިގެންދާނެ ކަމަށް ބަލާފައި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު 1981 ވަނަ އަހަރު އެއްބަސްވެފައިވާ އެގްރިމަންޓް އޮން ޓްރޭޑް ކޯޕަރޭޝަންގެ ދަށުން ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތީގެ ހަތް ބާވަތާއި އިމާރާތް ކުރުމަށް ބޭނުންވާ ދެ ބާވަތް އިންޑިއާއިން އެތެރެކުރުމަށް އެ ގައުމުގެ ސަރުކާރުން ދޫކޮށްފައިވާ ކޯޓާ މިއަހަރުގެ އޭޕްރީލްގެ ނިޔަލަށް ހަމަވާތީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މީގެ ކުރިން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކޯޓާ އިތުރުކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.