ހަވީރު ނޫހުގެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން މިއަދު ބާތިލް ކޮށްވި އެވެ.
ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި އެންމެ ގިނަ ދުވަހު ހިދުމަތްކުރި، އެއްނޫސް "ހަވީރު" ގެ މިލްކުވެރިކަމާ ގުޅޭ ގޮތުން އިބްރާހިމް ރަޝީދު މޫސާ އާއި ފާރޫގް ހަސަންގެ އިތުރުން މުހައްމަދު ނައީމްގެ ފަރާތުން ސިވިލް ކޯޓުގައި ވަނީ ދައުވާ ކޮށްފަ އެވެ.
އެ ބޭދުޅުން ދައުވާ ކޮށްފައިވަނީ، "ހަވީރު ނޫސް އޭޖެންސީ"ގެ އާމްދަނީން، އެ ތިން ބޭފުޅުންނަށް ލިބެން ޖެހޭ މިންވަރު ހޯދުމުގެ އިތުރުން، އެތަން ހިންގުމުގައި އެ ތިން ބޭފުޅުންނަށް ބައިވެރިވެވޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ.
އެ މައްސަލައިގައި، އޭރުގެ ގާޒީ މުހައްމަދު ހަލީމް 2016 ވަނަ އަހަރު ހުކުމް ކޮށްފައިވަނީ "ހަވީރު" ގެ ހުރިހާ މުދަލާއި ހަވީރު ވެބްސައިޓާއި، އާކައިވް "ހަވީރު ނިއުސް އެޖެންސީ"ގެ މެޖޯރިޓީ ހިއްސާދާރުން ކަނޑައަޅާ ގޮތަކަށް ބަދަލު ކުރުމަށެވެ.
އަދި "ހަވީިރު"ގެ ކުރީގެ މުވައްޒަފުން އެހެން މީޑިއާއެއްގައި ދެ އަހަރު ވަންދެން، މަސައްކަތް ކުރުން މަނާކޮށް، އެހެން މީޑިއާއެއްގައި މަަސައްކަތް ކުރާ ނަމަ، ފިޔަވަޅު އެޅުމަށް ދައުލަތުގެ މައްޗަށް އެ ހުކުމްގައި އަމުރުކޮށްފައި ވެ އެވެ. އަދި "ހަވީރު މީޑިއާ ގްރޫޕް"ގެ ނަން އެހެން ނަމަކަށް ބަދަލުކުރަން ވެސް ދައުލަތުގެ މައްޗަށް އެ ހުކުމްގައި އަމުރުކޮށްފައިވެ އެވެ.
ސިވިލް ކޯޓުގެ މި ހުކުމާ ގުޅިގެން، އެ މައްސަލަ "ހަވީރު"ގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ.
މި އިސްތިއުނާފްގެ މައްސަލައާ ގުޅިގެން ސިވލް ކޯޓުގެ ހުކުމް ބާތިލް ކޮށް ހައިކޯޓުމް މިއަދު ނެރުނު އަމުރުގއި ބުނެފައިވަނީ، ދަށު ކޯޓުން ހުކުމް ކޮށްފައިވަނީ އެ ކޯޓުގައި ދައުވާކުރި ކަންކަމުގެ މައްޗަށް ނޫން ކަމަށެވެ. އަދި ދައުވާގައި އެދިފައި ނެތް ކަންކަމަށް ވެސް އެ މައްސަލާގައި ހުކުމް ކޮށްފައިވާ ކަމަށާއި، ދައުވާގައި ނެތް ކަންކަމަށް ހުކުމްކުރީ އެ މައްސަލާގައި ހިމެނޭ ފަރާތްތަކަށް އެކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމެއް ނެތި ކޮށްފައިވާ ހުކުމެއް ކަމަށްވެސް ބުނެފައިވެ އެވެ.
ދައުވާގައި ހުށަހަޅާފައިނުވާ ކަމެއްގެ މައްޗަށް ހުކުމްކޮށްގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުގެ ގަޒިއްޔާއެއްގައި ކަނޑައަޅާފައިވާ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ބުނެފައިވެ އެވެ.