ޚަބަރު

ކުޅުނު ހުރިހާމެޗަކުން މޮޅުވެ ބައިނަލްއަގުވާމީ ޓީޓީ މުބާރާތަކުން 11 އަހަރުގެ ދިވެހި ކުއްޖަކު ރާއްޖެއަށް ރަންމެޑަލް ހޯދައިދީފި

ކުޅުނު ހުރިހާމެޗަކުން މޮޅުވެ ބައިނަލްއަގުވާމީ ޓީޓީ މުބާރާތަކުން 11 އަހަރުގެ ދިވެހި ކުއްޖަކު ރާއްޖެއަށް ރަންމެޑަލް ހޯދައިދީފި އެވެ.

ސައުތު އޭޝިއާ ހޯޕްސް ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދައިގެން، ބައިނަލް އަގުވާމީ ޓީޓީ މުބަރާތަކުން ރާއްޖެއަށް ލިބުނު ފުރަތަމަ ރަންމެޑެލް ހޯދައިދިނީ، ފާތިމަތު ދީމާ އަލީ، އެވެ.

އިންޑިއާގެ ހަރްޔާނާގައި މިމަހުގެ 27 ގައި ނިމުނު ސައުތު އޭޝިއާ ހޯޕްސް ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ބައިގެ ތަށި ދީމާ ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

ދީމާއަށް ލިބުނު މި ކާމިޔާބީއާ ގުލިގެން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު ވަނީ ދީމާއާ ބައްދަލު ކުރައްވައިފަ އެވެ.

މި ބައްދަލު ކުރެއްވުމުގައި މަރުޒޫގު ވަނީ ދީމާއަށް މަރުހަބާ ވިދާޅުވެފަ އެވެ.

އަދި ބައިނަލް އަގުވާމީ ޓޭބަލްޓެނިސް މުބާރާތަކުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ރަންމެޑެލް ހޯދައި ދިނީތީ ދީމާގެ މަސައްކަތަށް ތައުރީފު ކުރައްވައިފަ އެެވެ.

މި މުބާރާތަކީ ދެކުނު އޭޝިއާގެ 12 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަނުން ބޭއްވި މުބާރާތެކެވެ.