ޚަބަރު

ޖަލުތަކުގައި ކޮވިޑް ފެތުރުން ހުއްޓުވި، އާންމު ހާލަތަށް

ޖަލުތަކުގައި ކޮވިޑު ފެތުރުން ހުއްޓުވި، ހުރިހާ ޖަލެއްވެސް އާންމު ހާލަތަށް ގެނެވިފައިވާ ކަމަށް މޯލްޑިވްސް ކަރެލްޝަނަލް ސާވިސް އިން ބުނެފިއެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވެ، ޖަލުތަކުގައިވެސް ވަނީ ވަރަށް ބޮޑަށް ކޮވިޑް ފެތުރިފައެވެ. އެއާއެކު ޖަލުތަކުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ޖަލުގައި ތިބި ހައި ރިސްކް ގައިދީން ވަނީ ގެއަށް ބަދަލުކޮށްފައެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލުތަކުގައި ކޮވިޑު ފެތުރުން ހުއްޓުވިއްޖެ ކަމަށާއި ހުރިހާ ޖަލެއްވެސް އާންމު ހާލަތަށް ގެނެވިފައިވާ ކަމަށެވެ.

އެއާއެކު ޖަލަށް ޒިޔާރަތްކޮށްގެން އާއިލީ ބައްދަލުވުމާއި ވަކީލު ބައްދަލުވުން ހަމަޖެއްސުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށާއި މި ހަފްތާގެ ތެރޭގައި އެކަމަށް ހާއްސަ އުސޫލެއް އާންމުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

"ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު، އީދު ބަންދަށް ޖަލަށް ޒިޔާރަތްކުރައްވަވާ އާއިލީ ގުޅުންތައް ބަދަހިކުރައްވާ،" އަހްމަދު މުހައްމަދުފުޅު ވިދާޅުވިއެވެ.

ޖަލުތަކުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރި، ގައިދީންނާއި ބަންދުގައި ތިބި މީހުންގެ ތެރެއިން 500 އަށްވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ރަނގަޅުވަމުން އަންނާތީވެ، ސަރުކާރުން ވަނީ ވަނީ ގިނަ ލުއިތަކެއް ދީފަ އެވެ. އެގޮތުން މާލެ ސަރަހައްދުގެ ކާފިއު އުވާލައި ވިޔަފާރިތައް ހުޅުވާލައި، ކެފޭ ރެސްޓޯރެންޓްތަކުގައިވެސް އެތެރޭގައި ތިބެގެން ހިދުމަތް ދެވޭ ގޮތަށް ވަނީ ހުއްދަ ދީފައެވެ.

ރާއްޖޭގައި މިހާރު ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 2،400 މީހުންނެވެ. މިހާރު ދުވާލެއްގެ މައްޗަށް ބައްޔަށް ޕޮޒިޓިވްވާ އަދަދު ހުރީ 100ގައެވެ. ރާއްޖެއިން ކޮވިޑް ޖެހުނު ޖުމްލަ އަދަދު ވަނީ 75162 އަށް އަރާފައެވެ.