ޚަބަރު

މިދިޔަ މަހުގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ 131 މައްސަލައެއް، ގިނައީ އިހުމާލުގެ މައްސަލަ

އަހުމަދު ޖައިޝަން

ކުޑަކުދިންނަށް ކުރާ އެކި ކަހަލަ ބާވަތްތަކުގެ އަނިޔާގެ 131 މައްސަލައެއް މިދިޔަ ޑިސެމްބަރު މަހު ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީއަށް މިދިޔަ މަހު ހުށަހެޅި މައްސަލަތަކުގެ ތަފާސް ހިސާބު ވަނީ މިއަދު އާންމުކޮށްފައެވެ.

އެ ތަފާސްހިސާބުން ދައްކާގޮތުގައި މިނިސްޓްރީއަށް މިދިޔަ މަހު ޖުމުލަ 290 މައްސަލަ ވަނީ ހުށަހަޅައިފައެވެ. އޭގެތެރެއިން 131 މައްސަލައަކީ ކުޑަކުދީންގެ މައްސަލައަށްވާއިރު ގިނަ މައްސަލަތަކަކީ ކުޑަކުދީންނަށް ވާ އިހުމާލާ ގުޅޭ މައްސަލަތަކެވެ.

ކުޑަކުދީންނަށް ވާ އިހުމާލުތަކާ ގުޅޭ 48 މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އޭގެއިތުރުން ޖިސްމާނީ ހާނީއްކައިގެ 39 މައްސަލައާއި ޖިންސީ ހާނީއްކައިގެ 23 މައްސަލައާއި ނަފްސާނީ ހާނީއްކައިގެ 5 މައްސަލައާއި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ބޭނުންކުރުމުގެ ފަސް މައްސަލައެއް ވަނީ މިނިސްޓްރީއަށް ހުށަހަޅައިފައެވެ. އަދި ހަމައެއާއެކު ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ ފަސް މައްސަލައާއި ކުދިން ދޫކޮށްލައިފައި ދިޔުމުގެ ހަތަރު މައްސަލައާއި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާލިބުމުގެ އެއް މައްސަލަ އަދި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުންކުރުމުގެ އެއް މައްސަލަވެސް މިދިޔަ ޑިސެމްބަރު މަހު ވަނީ ހުށަހަޅާފައެވެ.