އައްޑޫ ސިޓީގެ ހަންކެޑެގައި ޓޫރިޒަމް ތަރައްގީ ކުރުމަށް، ސިޓީހޮޓަލެއް ހެދުމަށް ވެފައިވާ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން މިއަދު ބާތިލްކޮށްފި އެވެ.
އެ އެއްބަސްވުން ބާތިލްކޮށް ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެތަން އެއްވެސް ވަރަކަށް ތަރައްގީ ކުރެވިފައި ނުވާތީއާއި އެ ބިމުން ސަރުކާރަށާއި، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އެއްވެސް މަންފާއެއް ލިބެމުން ނުދާތީ އެ މަސައްކަތް ހަވާލުކޮށްފައިވާ، ޑޮލަރޓަން ޕްރައިވެޓް ލިމިޓެޑާ ދެމެދު ހަދާފައިވާ އެއްބަސްވުން ބާތިލުކުރާ ކަމަށެވެ.
ހަންކެޑޭގައި 200 އެނދުގެ ސިޓީ ހޮޓަލެއް ތަރައްގީ ކުރަން، 2005 ވަނަ އަހަރު ސަރުކާރުން އެންމެ ފުރަތަމަ ހަވާލުކުރީ ތޫނޑު ޕްރައިވެޓް ލިމިޓެޑާ އެވެ.
އެއީ މަސައްކަތް ފަށާތާ 18 މަހުގެ ތެރޭގައި މަސއްކަތް ނިިންމުމަށެވެ.
ނަމަވެސް މަސައްކަތް ކުރިއަށް ނުގެންދިއުމުން އެ ކުންފުނި ޖޫރިމަނާކުރުމަށްފަހު އެ މަސައްކަތް ހާފްޑިގްރީ ކިޔާ ކުންފުންޏަކާ ހަވާލު ކުރި އެވެ. ދެން ވެސް އެ މަސައްކަތް ކުރިއަށް ނުދިއުމުން، އެ ކުންފުންޏާއެކު ވެފައިވާ ހުރިހާ އެއްބަސްވުމެއް ޑޮލަރޓަން ޕްރައިވެޓް ލިމިޓެޑަށް ބަދަލު ކުރި އެވެ.
މިމަހުގެ ކުރީކޮޅު ޓޫރިޒަމް މިނިސްޓަރު އައްޑު އަތޮޅަށް ކުރެއްވި ދަތުރުގައި، ހަންކެޑެ މައްސަލައަށް މިމަސްތެރޭގައި ގޮތެއް ނިންމާނެކަމަށް ވަނީ ވިދާޅުވެފަ އެވެ.