އިންތިހާބު ތަކުގައި ދެވޭ ވޯޓަކީ އަމާނާތެއް ކަމަށާއި، ވޯޓު ވިއްކުމަކީ ހުއްދަކަމެއް ނޫން ކަމަށް، މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.
ޒައިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވޯޓަކީ އަމާނާތެއް ކަމުން އެކަމާމެދު މާތްﷲ ގެ ހަޟުރަތުގައި ސުވާލު ކުރެވޭނެ ކަމަށެވެ.
ޝައިޚު ޒައިދު މިހެން ވިދާޅުވެފައި މިވަނީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް އެކި ފަރާތްތަކުން ކުރިމަތިލައްވަން ނިންމަވަމުން ގެންދަވާއިރު، ރައްޔިތުންގެ އަތުން ވޯޓު ގަނެފާނެކަމުގެ ކަންބޮޑުވުންތަކެއް ފެތުރެމުންދާ ދަނޑިވަޅެއްގަ އެވެ.
އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އިޝާރާތް ކުރައްވައި، ޝައިޚު ޒައިދު ވިދާޅުވީ، ދީނަށް އިހުތިރާމް ކުރާ އިހުލާސްތެރި، ތެދުވެރި މަޖިލިސް އަކަށް ރައްޔިތުންގެ މަޖިލިސް ހަދަން ޖެހޭ ކަމަށެވެ.
އެހެންކަމުން މަޖިލިސް އިންތިހާބުގައި ހެޔޮ ސިފަތަކުގެ ވެރި ބަޔަކަށް ވޯޓު ދިނުމަށްވެސް ޝެއިޚު ވަނީ އެދިވަޑައިގެންފަ އެވެ.
"ދީނަށް އިހްތިރާމް ކުރާ އިހުލާސްތެރި، ތެދުވެރި، މަޖިލިސް އަކަށް ރައްޔިތުންގެ މަޖިލިސް ހަދަން ޖެހޭ، ވީމާ ހެޔޮ ސިފަތަކުގެ ވެރިބަޔަކަށް ވޯޓު ދެއްވާ!، ވޯޓަކީ ވެސް އަމާނާތެއް، ސުވާލު ކުރެވޭނެ ކަމެއް، ވޯޓު ވިއްކުަމަކީ ހުއްދަކެއްނޫން،" ޒައިދު ވިދާޅުވި އެވެ.