ޚަބަރު

އަލީ އާޒިމްއާ ވާދަޔަށް މެދުހެންވޭރަށް ވީބީ ހަސަން ނިކުންނަވަނީ

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކުރެއްވި، ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މިހާރުގެވެސް މެންބަރު، އަލީ އާޒިމްއާ ވާދަކުރެއްވުމަށް ވީބީ ބްރަދާސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރު ހަސަން ޝިޔާމް (ވީބީ ހަސަން) ނިންމަވައިފި އެވެ.

"ވަން އޮންލައިން"އާ ވާހަކަދައްކަވަމުން ހަސަން މިއަދު ވިދާޅުވީ މެދުހެންވޭރުގެ އެމްޑީޕީ ޕްރައިމަރީގެ ނަތީޖާ ނިކުތް ގޮތަށް ބަލާ އިރު، ދާއިރާގެ ރައްޔިތުން ބަދަލަކަށް ބޭނުންވެފައި ތިބިކަން އެބަ އެނގޭ ކަމަށާއި މަޖިލީހަށް ކުރިމަތިލައްވަން ނިންމެވި މައިގަނޑު ސަބަބަކީ އެއީ ކަމަށެވެ.

"ދިހަ އަހަރު ދުވަސް ވާންދެން ގޮނޑީގައި އިންނެވި އެމްޕީއަށް ޕްރައިމަރީ ކާމިޔާބު ކުރެއްވުނީ ވަރަށް މަދު ވޯޓުކޮޅެއްގެ ތަފާތުން. އެހެންވީމަ އެ މެންބަރަށް ދާއިރާގެ ރައްޔިތުންގެ ތާއީދު ނެތްކަން އެބަ އެނގޭ. ޗޭންޖަކަށް ބޭނުންވާކަން އެބަ އެނގޭ." ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ އެމްޑީޕީގެ ވަރަށް ގިނަ މެންބަރުންގެ ވޯޓުވެސް އަދި އެމްޑީޕީއާ އިދިކޮޅު މީހުންގެ ވޯޓުވެސް އޭނާއަށް ލިބިވަޑައިގަންނަވާނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށެވެ. އޭނާ އަކީ ދާއިރާއަށް ނިސްބަތްވެވަޑައިގަންނަވާ އަދި ކުޑައިރުއްސުރެ ދާއިރާގައި އުޅުއްވި ބޭފުޅެއް ކަމުން ރައްޓެހީން ވެސް ވަރަށް ގިނަ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަކީ އަމިއްލަ ކެންޑިޑޭޓެއް. އެހެން ވީމަ އެއްވެސް ބަޔަކު ދެކޮޅެއް ނުވާނެ. މެދުހެންވޭރަކީ އަޅުގަނޑުގެ ދާއިރާއަށް ވީމަ ކުޑައިރުއްސުރެ އެކީގަ އުޅޭ އެކުވެރީން ވެސް ވަރަށް ގިނަ ވާނެ." ހަސަން އިތުރަށް ވިދާޅުވި އެވެ.