ޚަބަރު

ކޮންގްރެސް ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ތޮލާލް، ރެޖިސްޓްރާގެ މަގާމަށް ގީލާ

އަހުމަދު ޖައިޝަން

1

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މުހައްމަދު ތޮލާލް ހަމަޖައްސައި، ރެޖިސްޓްރާގެ މަގާމަށް ގީލާ އަލީ ހަމަޖައްސައިފި އެވެ.

ކޮންގްރެސް ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށާއި ރެޖިސްޓްރާގެ މަގާމަށް ބޭފުޅުން ހަމަޖައްސާފައިވަނީ އެ ޕާޓީގެ ވަގުތީ ހިންގާ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހަމަޖެއްސެވި ތޮލާލަކީ މީގެކުރީން ސަރުކާރުގެ އިސް މަގާމުތަކުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ހޯމް މިނިސްޓްރީގެ ނައިބުގެ މަގާމުގައި މަސައްކަތް ކުރައްވައިފައެވެ.

ތޮލާލަކީ މީގެކުރީން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައިވެސް ހުންނެވި ބޭފުޅެކެވެ.

ރެޖިސްޓްރާގެ މަގާމަށް ހަމަޖެއްސެވި ގީލާއަކީ ސަރުކާރުގެ ގިނަ މަގާމުތަކެއްގައި މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ. އެގޮތުން ހެލްތު މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީކަން ކުރައްވާފައިވާ ގީލާ އެންމެ ފަހުން ހުންނެވީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟