ޚަބަރު

ފަސް އަހަރު ވަކިވެ އޮތުމަށް ފަހު އަލުން ބައިނަލްއަގުވާމީ ދުނިޔެއިން ރާއްޖެ ބަލައިގަންނަން ފަށައިފި: ޝާހިދު

ފަސް އަހަރު ވަކިވެ އޮތުމަށް ފަހު އަލުން ބައިނަލްއަގުވާމީ ދުނިޔެއިން ރާއްޖެ ބަލައިގަންނަން ފަށައިފި ކަމަށް މިނިސްޓަރ އޮފް އޮރިން އެފެއާޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވެފައި ވަނީ ޔޫއޭއީ، އެމެރިކާ އަދި އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރު ނިންމަވާލުމަށްފަހު ރާއްޖެ ވަޑައިގެން ކުރެއްވި ޓުވީޓެއްގައެވެ. މި ޓުވީޓުގައި މިނިސްޓަރ ޝާހިދު ވަނީ މި ދަތުރުފުޅަކީ ވަރަށްވެސް ކާމިޔާބު ދަތުރުފުޅެއްކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން މިނިސްޓަރ ޝާހިދު ވަނީ ރައީސް ސޯލިހުގެ މެނިފެސްޓޯ ހަގީގަތަކަށް ހެދުމަށް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ލިބޭނެކަމަށް ވިދާޅުވެފައެވެ.

މިދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ރާއްޖެ ވަޑައިގަތުމުގެ ކުރިން އެންމެ ފަހުން ވަޑައިގެންފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަނަށެވެ. ލަންޑަނަށް ވަޑައިގެން މިނިސްޓަރ ވަނީ އިނގިރޭސިވިލާތުގެ ދައުލަތުގެ އޮފިޝަލުންނާ ބައްދަލުކުރައްވައި ގިނަ ކަންތައްތަކަށް މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ކޮމަންވެލްތާއި ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ ސްޓޭޓް މިނިސްޓަރުންނާއި އެ ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު ވަނީ ބައްދަލުކުރައްވައިފައެވެ.