ދެ ސައިކަލު ޖެހި ސެނެހިޔާ ކައިރީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެ ސެނެހިޔާ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ވަން އޮންލައިނަށް ވަނީ މައުލޫމާތު ލިބިފައެވެ. އަނިޔާވެފައިވަނީ ދެ އަންހެނަކަށާއި ފިރިހެނަކަށެވެ.
އަނިޔާވި މީހުންނަށް ސެނެހިޔާ އެމެޖެންސީގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އޭގެ ތެރެއިން އަނިޔާވި އަންހެން ކުއްޖެއްގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ސެނެހިޔާގެ ފަރާތުން ޑރ. އަލީ ޝާހިދު، ވަން އޮންލައިނަށް ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވި ދެ އަންހެން ކުދިންނަކީ ފުރާވަރު އުމުރުގެ ދެ ކުދިން ކަމަށާއި އެ ދެ ކުދިންގެ ބޮލަށް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެކްސިޑެންޓުގައި އަނިޔާވި ފިރިހެން މީހާއަކީ ބަނގުލަދޭޝްގެ ރައްޔިތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.