މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ، ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތް ފެށުމަށް އިންޑަސްޓްރިއަލް ވިލެޖުގައި ޕާކުކޮށްފައިވާ ވެހިކަލްތައް ނަގައި ހުސް ކުރަން ޕްލޭނިން މިނިސްޓްރީން އަންގައިފިއެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ބުރިޖު ގުޅާލުމަށް ހަމަޖެހިފައިވަނީ މާލޭ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދަށް ކަމަށާއި ބްރިޖްގެ މަސައްކަތް ކުރިއަށްދާއިރު، މާލޭގެ ވޯކްސައިޓެއްގެ ގޮތުގައި ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ އިންޑަސްޓްރިއަލް ވިލެޖު ކަމަށެވެ.
"ވީމާ ވަގުތީގޮތުން އެކި ކަންކަމަށް ދޫކޮށްފައިވާ ބިންތައް ހުސްކުރުމުގެ މަސައްކަތް މި މިނިސްޓްރީން ވަނީ ފަށާފަ. އަދި މި ސަރަހައްދުގައި ހިމެނޭ ވަކިފަރާތަކާ ހަވާލުކޮށްފައިނުވާ ބިންތަކަކީ ބުރިޖުގެ މަސައްކަތަށް އެކަށައަޅާފައިވާ ބިންތަކެއްކަމާއި މި މިނިސްޓްރީން ބެލި ބެލުމުން މި ބިންތަކުގަ އާއި މިސަރަހައްދުގެ މަގުތަކުގައި ބައެއް ފަރާތްތަކުން ވެހިކަލް ޕާކުކޮށްފައި ހުންނަކަން ފާހާގަކުރެވިފައިވާތީ މިވެހިކަލްތައް ނަގައި އެތަންތަން ހުސްކުރަން ބޭނުންވޭ،" މިނިސްޓްރީގެ އިއުލާނުގައިވެއެވެ.
މިނިސްޓްރީން ވަނީ މި މަހުގެ 31 ގެ ކުރިން އިންޑަސްޓްރިއަލް ވިލެޖުގައި ޕާކް ކޮށްފައިވާ ވެހިކަލްތައް ނެގުމަށް އަންގާފައެވެ. އަދި އެ މުއްދަތުގައި ވެހިކަލްތައް ނުނަގައިފިނަމަ، މިނިސްޓްރީން ވެހިކަލްތައް ނަގައި ބިން ހުސްކުރާނެ ކަމަށާއި އަދި އެކަމުގައި ލިބޭ ގެއްލުމަކަށް މިނިސްޓްރީން ޒިންމާ ނުނަގާނެ ކަމަށްވެސް އިއުލާނުގައިވެއެވެ.
ކަމުގައި ދަންނަވަމެވެ. މި އިޢުލާނާއެކު ބުރިޖުގެ މަސައްކަތަށް ކަނޑައަޅާފައިވާ ބިންތަކާއި މިސަރަޙައްދުން އެހެން ބޭނުންތަކަށް ދޫކޮށްފައިވާ ބިންތައް ފާހަގަކުރެވިފައިވާ ޗާޓު ހިމަނާފައިވާނެއެވެ.
އިންޑިއާގެ ލޯނު އެހީގައި އެގައުމުގެ ކުންފުންޏަކާ ހަވާލުކޮށް ހަދާ 6.7 ކިލޯ މީޓަރުގެ ބުރިޖުތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" އަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއުއެވެ. މިއީ މާލޭ ސަރަހައްދުގައި ހަދާ ދެވަނަ ބުރިޖެވެ.
ތިލަމާލެ ބުރިޖުގެ އަމަލީ މަސައްކަތް މިދިޔަ މަސް ނިމުމުގެ ކުރީން ބަޔަކާ ހަވާލު ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޖޫން މަސް ނިމުނު އިރުވެސް ރަސްމީކޮށް އެއްވެސް ކުންފުންޏަކާ މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަސައްކަތް ހަވާލު ކުރުމަށް ނިންމާފައިވަނީ އިންޑިއާގެ ކުންފުންޏަކާއެވެ.
ތިލަމާލެ ބުރިޖު މަޝްރޫއަށް އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވަނީ ދީފައެވެ. މީގެ ތެރެއިން 400 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކަން 20 އަހަރުގެ މުއްދަތެއް ދީފައިވާ އިރު، ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ ފަސް އަހަރު ފަހުންނެވެ. މި ލޯނުގެ އިންޓަރެސްޓް ރޭޓަކީ 1.75 ޕަސެންޓެވެ.
މި މަޝްރޫއަށް ކަނޑައަޅާފައިވާ ކޮންސަލްޓަންސީ ފާމް، އެމްއެސް އަރޫފް ލިމިޓެޑަކީ ދިވެހި ސަރުކާރުން ހޮވާފައިވާ ކުންފުންޏެކެވެ. އެ ފާމުން ތައްޔާރުކުރި ޕްރޮޖެކްޓް ރިޕޯޓަށް ދެގައުމުގެ ސަރުކާރުން ވަނީ ރުހުން ދީފައެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބުރިޖުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވާ ތިލަމާލެ ބްރިޖުގެ މަޝްރޫއަށް 488 މިލިޔަން ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް ސަރުކާރުން ބުނެއެވެ. ނަމަވެސް މިދިޔަ އަހަރަށް ފާސްކުރި ބަޖެޓުގައި އެ މަޝްރޫއަށް ހިމަނާފައިވަނީ 411 މިލިއަން ރުފިޔާއެވެ. އަދި މިއަހަރުގެ ބަޖެޓުގައި އެ މަޝްރޫއަށް 469 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.