ޚަބަރު

ކެންދޫ އާންމު ހާލަތަށް ގެނެސްފި

ބ. ކެންދޫގެ މޮނީޓަރިންގެ ހާލަތު އުވާލައި، އާންމު ހާލަތަށް ގެނެސްފިއެވެ.

ކެންދޫ ހެލްތު ސެންޓަރުން ބުނީ އެރަށް މިއަދު މޮނީޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށެވެ. އެރަށުގެ މޮނީޓަރިންގެ ހާލަތު އުވާލާފައި މިވަނީ ގާތްގަނޑަކަށް ދޮޅު މަސް ދުވަސް ފަހުންނެވެ.

ހެލްތު ސެންޓަރުން ވަނީ މޮނީޓަރިންގެ ހާލަތު އުވާލި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ކުރިޔަށް ގެންދިޔުމަށް އެދިފައެވެ. އެގޮތުން މާސްކު އެޅުމާއި ގިނަ ގިނައިން އަތް ދޮވުމާއި ގައިދުރުކަން ބެހެއްޓުމަށް ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.

ކެންދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މެއި މަހުގެ 28 ވަނަ ދުވަހުއެވެ.

އެރަށުން މުޅި ޖުމްލަ 1109 ސާމްޕަލް ނަގާފައިވާއިރު، އޭގެ ތެރެއިން 77 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިހާރު ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ އެންމެ މީހެކެވެ. އެރަށުން އެންމެ ފަހުން މީހަކު ޕޮޒިޓިވްވެފައިވަނީ މިދިޔަ އިއްޔެއެވެ.