މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މިޔަރު އުރަހަތަކެއް ރާއްޖެއިން ބޭރުކުރަން އުޅުނު މައްސަލައިގައި ދައުވާ ކޮށްފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، އެ މައްސަލައިގައި ދައުވާ ކުރީ މ. ސެންޓްރޯސެމާ، އައްބާސް އަބްދުﷲ އާއި ހދ. ކުޅުދުއްފުށި، ކިރުދޫނިގެ، އަހުމަދު މުހައްމަދުގެ މައްޗަށް ކަމަށެވެ.
ކަސްޓަމްސްއިން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 21 ފޮއްޓެއްގައި ބަންދުކޮށްފައި ހުރި 429 ކިލޯގެ މިޔަރު އުރަހަތަކެއް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އަތުލައިގަނެފަ އެވެ.
ކަސްޓަމްސް އިން އެއިރު ބުނީ އެތަކެތި ބޭރުކުރަން އުޅުނީ ލޮނުމަސްތަކެއްގެ ތެރޭގައި ފޮރުވުމަށްފަހު ކަމަށެވެ.
ރާއްޖޭގައި މިޔަރަކީ ހިމާޔަތްކޮށްފައިވާ އެއްޗެކެވެ. މިޔަރު ހިފުމާއި މިޔަރަށް ގޯނާ ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.