އިބްރާހިމް ޒަކީ
އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާއްމުކޮށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ ވޯޓިން ލިސްޓް އިއްޔެ އާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް އިއްޔެއިން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.
އިލެކްޝަނުން ބުނީ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް، އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް، އަދި ހުކުރު ދުވަސްތަކުގައި މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް އެ ކޮމިޝަނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން، އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުން ކަމަށްވެސް ބުނެފައިވެ އެވެ.
މާލޭގައިނަމަ، ޝަކުވާ ބަލައިގަންނާނީ، އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ) އިންނެވެ.
އިލެކްޝަނުން ބުނީ ޝަކުވާ ފޯމް ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށެވެ.
ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ތާރީހެއްގެ ގޮތުގައި އިލެކްޝަނުން ކަނޑައަޅާފައިވަނީ، އަންނަ ފެބުރުއަރީމަހުގެ ނުވަވަނަ ދުވަހެވެ.
އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ، ވޯޓިން ލިސްޓުގައިވާގޮތުން، ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި 264،589 މީހުންނަށް ވޯޓުދިނުމުގެ ހައްގު ލިބިފައިވެ އެވެ. އަދި މުޅިން އަލަށް 2336 މީހުން މި އިންތިހާބުގައި ވޯޓުލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ.