ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން އެންވަޔަރަންމެންޓް މިނިސްޓްރީން ކުރިއަށްގެންދާ 'މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް'އާ ގުޅޭ ސްޓޭކްހޯލްޑަރުންގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.
މިއަދު ހެނދުނު ފެށި އެ ބައްދަލުވުން ރަސްމީކޮށް އިފްތިތާހުކުރައްވާފައިވަނީ އެންވަޔަރަންމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.
އެއް ދުވަހަށް ބާއްވާ އެ ބައްދަލުވުން ކުރިއަށް ދިޔައި ލ. ގަމު ހަމަދް ބިން ޚަލީފާ އަލް ޘާނީ ސްކޫލުގައެވެ.
އެ ބައްދަލުވުމުގައި މ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅު އަދި ތ. އަތޮޅާއި ލ. އަތޮޅުގެ ކައުންސިލުން ވަނީ ބައިވެރިވެފައެވެ. އަދި އެ ސަރަހައްދުތަކުގައި ހިމެނޭ ރިޒޯޓުތަކުންވެސް އެ ބައްދަލުވުމުގައި ވަނީ ބައިވެރި ވެފައެވެ.
އެ ބައްދަލުވުމަކީ 2017 އިން 2023 ގެ ނިޔަލަށް ކުރިއަށްދާ ކްލީން އެންވަޔަރަންމެންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ މަސައްކަތްތަކާ ގުޅޭގޮތުން އެ ސަރަހައްދުގެ ފަރާތްތަކާއެކު މަޝްވަރާކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ.