މުއާވިޔަތު އަންވަރު
އާންމު ރައްޔިތަކު އާސަންދަ ހޯދުމަށް މިހާރުވެސް ދާން ޖެހެނީ މަޖިލިސް މެމްބަރެއް މެދުވެރިވެގެން ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، ދައުލަތުގެ ކޮންމެ މުއައްސަސާއަކުންވެސް ހިދުމަތް ދިނުމުގަ އާއި ކަންކަން ކޮށްދޭންޖެހޭ އުސޫލުތަކަކާއި ގާނޫނާއި ގަވާއިދުތަކެއް ހަދާފައިވާ ކަމަށާއި ނަމަވެސް އެއަށް އަމަލުކުރާތަން ފެނިގެންނުދާ ކަމަށެވެ.
"އެކަންކަން ކުރުމަށްޓަކައި އަބަދުވެސް މި ޖެހެނީ އާންމު ރައްޔިތަކު އެ ވުޒާރާއެއްގައި ދައުލަތުގެ އެ ހިންގަން ތިބި ފަރާތްތަކަށް ގުޅަން،" އަލީ އާޒިމް ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުން އަލީ އާޒިމް ވިދާޅުވީ، އައިޖީއެމްއެޗުން ފަރުވާ ހޯދަމުން އެޑްމިޓްކުރަން ޖެހިއްޖެ ނަމަ ކޮޓަރިއެއް ހޯދަން ޖެހެނީ އެތަނުގެ އެންމެ އިސްކޮށް ހުންނަ މީހަކަށް ގުޅައިގެން ކަމަށާއި އެއްޗެއް ގެއްލިގެން ފުލުހަށް ރިޕޯޓް ކުރުމަށްފަހު، އެކަމުގެ ރިޕޯޓް ނަގަންވެސް ޖެހެނީ އޮފިސަރަކަށް ގުޅައިގެން އާދޭސް ކޮށްގެން ކަމަށެވެ.
"އާސަންދަ ހޯދަން ވެއްޖިއްޔާ އަޅުގަނޑުމެން ކޮންމެވެސް މެންބަރަކާއި އާންމު ރައްޔިތުން ގުޅައިގެން ނޫނިއްޔާ އެކަންވާ ތަނެއް ނުފެނޭ. މިއީ މިއަދުގެ މި ސަރުކާރުގެ އޮތް ކަމެއް ނޫން. މިއީ ސަގާފަތް އަޅުގަނޑުމެންގެ ކަންކަން ހިނގަމުން އައިސްފައި އޮތް ގޮތް،" އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެކަންކަން ބަދަލުވެގެން މެނުވީ މައްސަލަތައް ހައްލު ވެގެން ނުދާނެ ކަމަށެވެ.