ޚަބަރު

13 އަހަރުގެ ކުއްޖާގެ ހަށިގަނޑު އަދިވެސް މޯޗަރީގައި، ޕޯސްޓްމޯޓަމަށް ގެންދެވޭނެ ދުވަހެއް ނޭނގެ!

ރިފާ ހަލީލު

މަރާލާފައި އޮއްވައި ފެނުނު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ގެންދެވޭނެ ދުވަހެއް ނޭނގޭ ކަމަށް ފުލުހުން ބުނެފިއެވެ.

އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ މީހުން ދިރި ނޫޅޭ ސަރަހައްދު މޫދު ތެރެއިންނެވެ. ފެނުނުއިރު އޮތީ ފޮއްޓަކަށް ލައިފައެވެ. އަދި ހަށިގަނޑުގައި ޒަހަމްތަކެއް ހުއްޓެވެ. އެހެންކަމުން ފުލުހުން ވަނީ ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމައިފައެވެ.

އެގޮތުން ހުސްވި ހަފުތާގެ ތެރޭގައި ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ގެންދެވޭނެ ކަމަށް ފުލުހުން ކުރިން އޮތީ ބުނެފައެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ، ކުއްޖާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތަށް ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން އަދިވެސް ކުރަމުންދާ ކަމަށެވެ. އަދި އެކަމަކީ ރާއްޖެއިން ބޭރުން ކުރަންޖެހޭ ކަމަކަށްވެފައި އެކަމުގައި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ވަގުތު ނަގާނެ ކަމަށް ވިދާޅުވިއެވެ.

އޮފިސަރު އިތުރަށް ވިދާޅުވީ ކޮވިޑުގެ ހާލަތާއި ގުޅިގެންވެސް އުދަނގޫތަކެއް އެބަހުރި ކަމަށާއި ނަމަވެސް ވީހާވެސް އަވަހަށް ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު ބޭރަށް ފޮނުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ވަކި ތާރީހެއް ނުދެއްވައެވެ.