ޚަބަރު

ދެ މަސް ފަހުން އޭދަފުށި އާންމު ހާލަތަށް ގެނެސްފި

ބ. އޭދަފުށީގެ މޮނީޓަރިންގެ ހާލަތު އުވާލައި ރަށް އާންމު ހާލަތަށް ގެނެސްފިއެވެ.

އޭދަފުށިން ފުރަތަމަ ޕޮޒިޓިވްވެފައި ވަނީ އެރަށު ފްލޫ ކުލިނިކަށް ދެއްކި މީހެކެވެ. އެމީހާ ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އޭޕްރީލް މަހުގެ 19 ވަނަ ދުވަހުއެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު "ވަން" އަށް މިރޭ ވިދާޅުވީ އެރަށުގެ ކޮވިޑުގެ ހާލަތު ރަނގަޅުވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެރަށުގެ މޮނީޓަރިންގެ ހާލަތު މިއަދު އުވާލާފައިވާ ކަމަށެވެ.

އާބާދީގައި ތިން ހާހަށްވުރެ ގިނަ މީހުން ދިރިއުޅޭ އޭދަފުށިން ޖުމުލަ 315 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި އެރަށުން ތިން މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

އެރަށުގައި މިހާރު ތިބީ ކޮވިޑަށް ޕޮޒިޓިވް ދެ މީހެކެވެ. އެރަށުން އެންމެ ފަހުން މީހަކު ކޮވިޑަށް ޕޮޒިޓިވްވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.