ގދ. ތިނަދޫގައި ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ، ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، 24 ގަޑިއިރު ކާފިއު ހިންގަން ނިންމައިފިއެވެ.
ތިނަދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެރަށުގެ ކޮވިޑުގެ ހާލަތު ގޯސްވެ، 24 ގަޑިއިރަށް ކާފިއު ހިންގަން ނިންމާފައިވާ ކަމަށެވެ. އަދި ކޮންމެ ގެއަކަށް ދޫކޮށްފައިވާ ހައުސް ހޯލްޑް ޕާމިޓުތައްވެސް ހަފުތާއަކަށް ކެންސަލް ކުރަން ނިންމާފައިވާ ކަމަށް ބުންޏެވެ.
ތިނަދޫގައި ފިޔަވަޅުތައް ހަރުކަށި ކޮށްފައިވާ އިރު، އެރަށުން މިއަދުވެސް ވަނީ 19 މީހަކު ޕޮޒިޓިވްވެފައެވެ. އެރަށުން މިހާތަނަށް 745 މީހަކަށް ކޮވިޑު ޖެހިފައިވާ އިރު، ތިން މީހަކު ވަނީ މަރުވެފައެވެ.
އެރަށުގައި މިހާރު ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 267 މީހުންނެވެ. އަދި އެޑްމިޓް ކޮށްގެން ފަރުވާ ދެނީ އެކަކަށެވެ. އެރަށުން ބަލިން ރަނގަޅުވެފައި ވަނީ 478 މީހެކެވެ. މިވަގުތު އެރަށު 219 ގެއެއް ކަރަންޓީނުކޮށްފައި އެބަ އޮތެވެ.