މޯލްޑިވިސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މައި ބަނދަރު ޕޯޓަލް، ''މައި ބަނދަރު ޕޭމަންޓް ގޭޓްވޭ'' ފަސޭހަ ހިދުމަތްތަކާ އެކު އަޕްގުރޭޑް ކޮށްފިއެވެ.
އެމްޕީއެލުން ބުނީ މިއީ އެ ކުންފުނީގެ ހިދުމަތް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް، ހިދުމަތްތަކަށް އިތުރު ފުރިހަމަ ކަމެއް ގެނައުމަށްޓަކައި ގެނައި ބަދަލެއް ކަމަށެވެ.
މި ބަދަލާ އެކު، މައި ބަނދަރު ޕޯޓަލްއިންވެސް ލިންކު ބޭނުންކޮށްގެބން، ޕޯޓަލްއިން ބޭރުންވެސް ފައިސާ ދެއްކުމުގެ އިންތިޒާމާއި އަދި މޯބައިލް ޕޭގެ ހިދުމަތް ލިބޭނެ ގޮތްވެސް ވަނީ ހަމަޖައްސައިފައެވެ. އަދި ހުރިހާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާއި ޝިޕިން އޭޖެންޓުންނަށްވެސް ފަސޭހަކޮށް އެމްޕީއެލްއަށް ދައްކަންޖެހޭ ފައިސާގެ މުއާމަލާތްތައް އޮންލައިންކޮށް ދެއްކޭނެ ގޮތްވެސް ހަމަޖައްސާފައިވެއެވެ.
އެމްޕީއެލުން ވަނީ ކޮވިޑުގެ މިހާލަތުގައި ހުރިހާ ކަސްޓަމަރުންވެސް، އެމްޕީއެލް އަށް އައުމުގެ ބަދަލުގައި ޕޯޓަލްގައި ރަޖިސްޓްރީވެ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް އިލްތިމާސްކޮށްފައެވެ.
އަދި އެ ކުންފުނީގެ މަގުސަދަކީ، މިހާރު ދެމުންދާ ހުރިހާ ހިދުމަތެއް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހަމައެކަނި އޮންލައިންކޮށް ދިނުން ކަމަށާއި އެކަމާ ގުޅޭ އިތުރު ތަފުސީލުތައް ފަހުން އިއުލާން ކުރާނެ ކަމަށްވެސް ބުންޏެވެ.