މިދިޔަ އަހަރު ބޭއްވި ޕީޕީއެމްގެ ހާއްސަ ކޮންގްރެސް ސައްހަކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
މިދިޔަ އަހަރު ބޭއްވި ޕީޕީއެމްގެ ކޮންގްރެސް، އިލެކްޝަން ކޮމިޝަނުން ބަލައި ނުގަތުމަށް ނިންމުމާ ގުޅިގެން ހައިކޯޓުގައި ހިނގާދިޔަ، މައްސަލައިގައި އެ ކޮންގްރެސް ބަލައި ގަތުމަށް ހައިކޯޓުން ނިންމި އެވެ.
ނަމަވެސް އެ މައްސަލަ އިލެކްޝަން ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
އިސްތިއުނާފް މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ނިންމާފައިވަނީ، ޕީޕީއެމްގެ ހާއްސަ ކޮންގްރެސް ބަލައި ގަތުމަށް ހައިކޯޓުން ނިންމި ނިންމުމަށް ތާއީދު ކޮށްފަ އެވެ.
މިދިޔަ އަހަރު ބޭއްވި ޕީޕީއެމްގެ ހާއްސަ ކޮންގްރެސްގައި، ޕާޓީގެ ރައީސްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިހާބު ކުރުމުގެ އިތުރުން އެހެން އިސް މަގާމުތަކަށްވެސް ބޭފުޅުން ވަނީ އިންތިހާބު ކޮށްފަ އެވެ.
އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ، ޕީޕީއެމްގެ ކޮންގްރެސް ބާއްވާފައިވަނީ، ޕާޓީގެ ގަވާއިދުތަކާ ހިލާފަށް ކަމަށެވެ.
އެ ގޮތުން ޕީޕީއެމްގެ މެންބަރުން ނޫން އެހެން ޕާޓީތަކަށް ނިސްބަތްވާ ބަޔަކު ކޮންގެސްގައި ވޯޓުލާފައި ވުމާއި، ވޯޓު ލުމަށްޓަކައި ވޯޓިންބޫތު ބެހެއްޓުމުގެ ބަދަލުގައި ވޯޓު ނެގުމަށް މެންބަރުން ކައިރިއަށް ވޯޓު ފޮށިތައް ހިފައިގެން ދިޔަ މައްސަލަ ކޮމިޝަނުން ވަނީ ފާހަގަ ކޮށްފަ އެވެ.
އަދި އެ ކޮންގްރެސް ގައި ޕީޕީއެމްގެ ހަތަރު ނާއިބު ރައީސުން ހޮވާފައި ވަނީވެސް ޕާޓީގެ ގަވާއިދާ ހިލާފައްކަން އިލެކްޝަން ކޮމިޝަނުން ވަނީ ފާހަގަ ކޮށްފަ އެވެ.
އެކަންކަން ފާހަގަ ކޮށް މި މައްސަލައިގަ އިލެކްޝަން ކޮމިޝަނުން ވަކާލާތު ކޮށްފައިވަނީ، ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަންކަން ކޮށްގެން ނުވާނެ ކަމަށް ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާތީ، ޕާޓީތަކުން ގަވާއިދާ ހިލާފަށް ކުރާ ކަންކަަން ވެގެންދާނީ، ގާނޫނީ ގޮތުން ބާތިލްވާނެ ކަންތައްތައް ކަަމަށް ބުނެ އެވެ.
އެހެން ކަމުން އެ ކޮންގްރެސް ގާނޫނީގޮތުން ސައްހަ ނުވާނެ ކަމަށާއި އެ ކޮންގްރެސް އިލެކްޝަނުން ބޫލު ނުކުރާނެ ކަމަށް ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި މަޖިލީހުގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ، ޕީޕީއެމްގެ ހާއްސަ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސައްހަ ނޫން ކަމަށާއި، އެ ކޮންގްރެސް ސައްހަ ނޫން ކަމަށް ބެލެވެން ނެތް ކަމަށެވެ.
އުއްތަމަ ފަޑިޔާރުގެ ވިދާޅުވެފައިވަނީ، ޕީޕީއެމް ކޮގްރެސްގައި ވޯޓުލާފައިވަނީ އެހެން ޕާޓީތަކުގެ ކޮން ބައެއްކަން އިލެކްޝަނަށް ބުނެދެވިފައިނުވާ ކަމަށެވެ.
އަދި ޕީޕީއެމްގެ އިންތިހާބާ ބެހޭ ގަވާއިދުގައި ވޯޓިން ބޫތުގެ ވާހަކަ ފާހަގަ ކޮށްފައި އޮންނަ އޮތުމުގެ މަގްސަދަކީ ވޯޓުގެ ސިއްރުކަން ނުގެއްލޭ ގޮތަށް ވޯޓުގެ ކަންކަން ކުރިއަށް ގެންދިއުން ކަމަށާއި، ވަކި ތަނެއްގައި ވޯޓިން ބޫތު ބަހައްޓަން ޖެހޭ ކަމަށް ޕީޕީއެމްގެ އިންތިހާބާ ބެހޭ ގަވާއިދުގައި ބުނެފައި ނުވާކަމަށްވެސް އުއްތަމަފަޑިޔާރު ވިދާޅުވި އެވެ.
އަދި ކޮންގްރެސްގައި ހަތަރު ނައިބު ރައީސުން އިންތިހާބު ކުރި ކަމަށް ބުނެ އެކަން ކޮމިޝަނުުން ފާހަގަ ކޮށްފައި ވިޔަސް، އެކަމުގައި އަސާސީ ގަވާއިދާ ހިލާފް ކަމެއް ނެތް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.