ޚަބަރު

އައިޖީއެމްއެޗުގައި ގައިދީންނަށް ދެ ކޮޓަރި ހާއްސަކޮށްފި

އަހުމަދު ޖައިޝަން

2

އައިޖީއެމްއެޗުގައި ގައިދީންނަށް ފަރުވާ ދިނުމަށް ދެ ކޮޓަރިއެއް ހާއްސަކޮށްފި އެވެ.

ހޯމް މިނިސްޓްރީ އާއި ކަރެކްޝަންސް އަދި އައިޖީއެމްއެޗުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ ސީއީއޯ އިބްރާހީމް ސަލީމް ވިދާޅުވީ ގައިދީން އެކަހެރިކޮށް ބޭތިއްބުމަށް ވަކި ހާއްސަ ޖަގަހައެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ހަމަޖައްސާފައިވާ ދެ ކޮޓަރީގެ ތެރެއިިން އެއް ކޮޓަރި ހުންނާނީ އައިސޮލޭޝަން ވޯޑުގައި ކަމަށާއި އަނެއް ކޮޓަރި ހުންނާނީ ނޯމަލް ޕްރައިވެޓް ވޯޑުގައި ކަމަށް ސަލީމް ވިދާޅުވިއެވެ.

"އެ ކޮޓަރިތަކުގެ ސެކިއުރިޓީގެ މަސައްކަތް ކުރިއަށް ގެންދާނީ ކަރެކްޝަންގެ ބޭފުޅުން،" އޭނާ ވިދާޅުވިއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސްގެ އަބްދުﷲ މުނާޒް ނޫސްވެރީންގެ ބައްދަލުވުމުގައި ވިދާޅުވީ ގައިދީންނަށް ފަރުވާ ދިނުމަށް ގެންދާއިރު އާންމުކޮށް ދިމާވަނީ އާންމުންގެ މީހުންނާ އެއްތަނެއްގައި އެޑްމިޓު ކުރަން ޖެހޭ ހާލަތުތައް ކަމަށެވެ.

"ހަމަ އެގޮތަށް ޑޮކްޓަރަށް ދައްކަން ޖެހުނަސް މި ޖެހެނީ އާންމުންގެ ތެރެއަށް ގެންދަން. އޭގެ ސަބަބުން އާންމު ރައްޔިތުންވެސް ނުރައްކަލެއްގެ ތެރެއަށް ހުށަހެޅުމުގެ ފުރުސަތު އެބަ އޮވޭ،" އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން އައިޖީއެމްއެޗުގެ ފަރާތުން ޖަލުތަކަށް ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެވޭނެ އިންތިޒާމުވެސް މިހާރު ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟