އިބްރާހިމް ޒަކީ
ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު އިސްކޮށް ހުންނަަވައިގެން، ފޮނަދޫދާއިގެ މެންބަރު އަބްދުއްރަހީމް އަބުދުﷲ އުފެއްދެވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމުގައި
ޕީޕީއެމްގެ މުދަލާއި ވަސީލަތްތައް ބޭނުންކުރިކަން އެނގެންހުރި ނަމަވެސް އެ މައްސަލަބަލައި، ޕީއެންސީއާމެދު ފިޔަވަޅު އެޅެން ނެތް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
ޕީއެންސީ އުފެއްދުމުގައި ޕީޕީއެމްގެ ވަސީލަތްތައް ބޭނުންކޮށްފައިވާތީ ޕީއެންސީއަށް ފިޔަވަޅުއަޅަން، އަމިއްލަ ފަރާތަކުން އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށްހެޅި މައްސަލަ ބެލުމަށް އެ ކޮމިޝަނުން އެކުލަވާލި ތިން މެންބަރުންގެ ކޮމިޓީން ނޫސްވެރިންނަށް މައުލޫމާދު ދެމުން މިއަދު ބުނީ، އެ މައްސަލައަކީ އާ ގަވާއިދަށް އަމަލު ކުރުމުގެ ކުރިން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ، ޤާނޫނީ ވަކީލު މަހުފޫޒް ސަޢީދު ވިދާޅުވީ އެ މައްސަލާ ގައި ފިޔަވަޅު ނޭޅުމަށް ނިންމީ އެ މައްސަލައަކީ، ޕީއެންސީ އުފެއްދުމަށް އިލެކްޝަނުން ދޫކުރަންޖެހޭ ހުއްދަ އާއި އެ ޕާޓީގެ އާންމު ޖަލްސާ ބޭއްވުމަށް ދޫކުރަންޖެހޭ ހުއްދަ ދިނުމަށްފަހު ހުށަހަޅާފައިވާ މައްސަލައަކަށް ވުމުން ކަމަށެވެ.
މި މަހުގެ 24 ވަނަ ދުވަހު ގެޒެޓް ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ، ގަވާއިދުގައި ބުނެފައިވާގޮތުން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަ ދީފައި ވަނިކޮށް، އެހެން ޕާޓީއެއްގެ ވަސީލަތްތައް ބޭނުން ކުރާކަން ސާބިތުވެއްޖެނަމަ ޕާޓީ އުފެއްދުމަށް ދިން ހުއްދަ ބާތިލް ކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެއެވެ.
ޕީއެންސީގެ މައްސަލަ އިސީއަށް ހުށަހަޅާފައިވަނީ މިމަހުގެ 27 ގަ އެވެ.
މަހުފޫޒް ވިދާޅުވީ އަލަށް އެކުލަވާލި ސިޔާސީ ޕާޓީތަކާއި ބެހޭ ގަވާއިދުގެ ދަށުން އެހެން ޕާޓީއެއްގެ މުދަލާއި ވަސީލަތްތައް އެހެން ޕާޓީއަކުން ބޭނުންކުރުމަކީ ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގެ ދަށުން މަނާކަމެއް ކަމަށެވެ.