ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާގައި އެއްވެސް ވަރަކަށް ފަރުވާކުޑަ ނުކުރައްވާ ކަމަށާއި އާއިލާއިން ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށް ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަދީބުގެ އާއިލާއިން ވަނީ ހޯމް މިނިސްޓަރަށް އަދި ދައުލަތުގެ އެކި ވުޒާރާތަކާ ގުޅޭގޮތުން އެކި ކަހަލަ ތުހުމަތުތަކެއް ކުރައްވާފައި ކަމަށެވެ. އެގޮތުން އަދީބުގެ ސިއްހީ ފަރުވާގެ ކަންކަން ހިނގަމުން ދަނީ ހޯމް މިނިސްޓަރު ބޭނުންވެވަޑައިގަންނަވާ ގޮތަކަށް ކަމަށާއި މިނިސްޓަރު ބޭނުންވެވަޑައިގަންނަވާ ވަރަކަށް ފަރުވާ ދެއްވުމަށްފަހު އެނޫން ފަރުވާއެއް ނުކުރާ ގޮތަށް މަސައްކަތް ކުރައްވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ އާއިލާއިން ކޮށްފައިވަނީ "ހުސް ތުހުމަތުތަކެއް" ކަމަށާއި އޭގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.
"އަދީބުގެ ބޭސްފަރުވާ ކަންތަކުގައި އަޅުގަނޑުމެން ފަރުވާ ކުޑަ ނުކުރާނެކަން އަމިއްލަ ނަފްސަށް ޔަގީންކުރަން. އެހެންނަމަވެސް އާއިލާއިން ބޭނުންވާ ބޭސްފަރުވާއެއް އަޅުގަނޑަކަށް ނޭނގެ ދޭނެ ގޮތެއް. ޑޮކްޓަރުން ދެއްތޮ ބޭސްފަރުވާ ކަނޑައަޅުއްވާނީ،" އިމްރާން ވިދާޅުވިއެވެ.
އާއިލާއިން ބޭނުންވާ މުއްދަތަކަށް ހޮސްޕިޓަލުގައި ބާއްވާނެ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި އެ ކަންތައްތައް ކަނޑައަޅުއްވާނީ ޑޮކްޓަރުން ކަމަށް އިމްރާން ވިދާޅުވިއެވެ.
އެކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އައިޖީއެމްއެޗްގެ ސީއީއޯ އިބްރާޙީމް ސަލީމް ވިދާޅުވީ އަދީބަށް ދޭ ފަރުވާއަކީ ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް ދޭ ފަރުވާ ކަމަށާއި އެކަމާ ގުޅޭގޮތުން އިތުރު ތަފްސީލަކަށް ދާން ނެތް ކަމަށެވެ.