ޚަބަރު

ލަންޑަނަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިނިސްޓަރު ޝާހިދު މާލެއަށް

އަހުމަދު ޖައިޝަން

އިނގެރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ކުރެއްވި ދަތުރުފުޅު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނިންމަވައިލައްވައިފި އެވެ.

މިނިސްޓަރު ޝާހިދު ލަންޑަނުން ރާއްޖެ ވަޑައިގަތުމަށް މިހާރު ފުރާވަޑައިގެންފައިވާއިރު އެ ދަތުރުފުޅަކީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރެއްވި ދަތުރުފުޅެކެވެ.

މިނިސްޓަރުގެ އެ ދަތުރުފުޅުގައި އިނގެރޭސިވިލާތުގެ ދައުލަތުގެ އޮފިޝަލުންނާ ބައްދަލުކުރައްވައި ގިނަ ކަންތައްތަކަށް މަޝްވަރާކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެގޮތުން ކޮމަންވެލްތާއި ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ ސްޓޭޓް މިނިސްޓަރުންނާއި އެ ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު ވަނީ ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުވުންތަކުގައި ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަށް ވަނީ މަޝްވަރާކުރައްވާފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިނިސްޓަރު ޝާހިދު އިއްޔެ ވަނީ 29 ވަނަ ގަވާނިން ކައުންސިލް މީޓިން އޮފް ޑިމޮކްރެސީސްގައި ސްޓޭޓްމެންޓެއް ވެސް ދެއްވައިފައެވެ. އެ ސްޓޭޓްމެންޓުގައި މިނިސްޓަރު ވަނީ ރާއްޖޭގައި ކާމިޔާބު ޑިމޮކްރަސީއެއް ގާއިމުކުރުމަށް ހުރި ދަތިތަކަށް އަލިއަޅުއްވައިލައްވައިފައެވެ.