ބީއެމްއެލްގެ އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ ދަށުން އިތުރު ފަސް ރަށަކަށް އެހީވާން ނިންމައިފިއެވެ.
ބީއެމްއެލްގެ އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބީއެމްއެލުންް ތައާރަފުކޮށްފައިވާ ފަންޑެކެވެ. އެގޮތުން މި އަހަރުގެ ދެވަނަ ކުއާޓާގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ފަސް ޕްރޮޖެކްޓެއް ވަނީ ހޮވައިފައެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަަށް މިފަހަރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި ޕްރޮޖެކްޓް ހިންގުމަށް ރަނގަޅު ޕްރޮޕޯސަލްތަކެއް ލިބިގެން ދިޔަ ކަމަށެވެ. މި ފިޔަވަހީގައި ހޮވިގެން ދިޔަ ފަސް ޕްރޮޖެކްޓާއެކު މި ފަންޑުގެ ދަށުން މިހާތަނަށް 50 ރަށެއްގައި މުޖުތަމައަށް ފައިދާހުރި ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް ވިދާޅުވިއެވެ.
"ޖަމިއްޔާތަކުންނާއި އާންމު ފަރުދުންގެ ފަރާތުން ރަށްރަށަށް ނުހަނު ބޭނުންތެރި މިފަދަ ޕްރޮޖެކްޓްތައް ކަރުދާހަށް ގެންނަވައި ކޮވިޑާ އެކު ދިމާވެފައިވާ ގޮންޖެހުންތަކާއެކުވެސް އަމަލީ މަސައްކަތް ނިންމެވުމަށް ކުރައްވާ ބުރަ މަސައްކަތްތައް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން،" ސައީދު ވިދާޅުވިއެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.
ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ކުއާޓާއެއްގައި ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރާކާތް ހިންގުމަށް 50،000 ރުފިޔާ ބީއެމްއެލުން ވަނީ ދޭން ނިންމައިފައެވެ.