ޚަބަރު

ޕީޕީއެމް ކޮންގްރެސްއާ ބެހޭގޮތުން އީސީން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި މިއަދު ބާއްވަނީ

ޕީޕީއެމްގެ ކޮންގްރެސް އާބެހޭގޮތުން އިލެކްޝަން ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މިއަދު ސުޕްރީމް ކޯޓުގައި ބާއްވަން ތާވަލްކޮށްފި އެވެ.

މި މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފައިވަނީ، މިއަދު މެންދުރު 12:45 އަށެވެ.

މިދިޔަ އަހަރު ބޭއްވި ޕީޕީއެމްގެ ކޮންގްރެސް، އިލެކްޝަން ކޮމިޝަނުން ބަލައި ނުގަތުމަށް ނިންމުމާ ގުޅިގެން ހައިކޯޓުގައި ހިނގާދިޔަ، މައްސަލައިގައި އެ ކޮންގްރެސް ބަލައި ގަތުމަށް ހައިކޯޓުން ކުރި ހުކުމާ ގުޅިގެން އިލެކްޝަން ކޮމިޝަން (އީސީ) ގެ ފަރާތުން ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރި އެވެ.

މި މައްސަަލައިގެ އަޑުއެހުންތައް މީގެ ކުރިން ސުޕްރީމް ކޯޓުގައި ނިމިފައިވާތީ، ބެލެވޭ ގޮތުގައި މިއަދުގެ އަޑު އެހުމަކީ މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުމެކެވެ.

މިދިޔަ އަހަރު ބޭއްވި ޕީޕީއެމްގެ ހާއްސަ ކޮންގްރެސްގައި، ޕާޓީގެ ރައީސްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިހާބު ކުރުމުގެ އިތުރުން އެހެން އިސް މަގާމުތަކަށްވެސް ބޭފުޅުން ވަނީ އިންތިހާބު ކޮށްފަ އެވެ.

އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ، ޕީޕީއެމްގެ ކޮންގްރެސް ބާއްވާފައިވަނީ، ޕާޓީގެ ގަވާއިދުތަކާ ހިލާފަށް ކަމަށެވެ.

އަދި ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަންކަން ކޮށްގެން ނުވާނެ ކަމަށް ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާތީ، ޕާޓީތަކުން ގަވާއިދާ ހިލާފަށް ކުރާ ކަންކަަން ވެގެންދާނީ، ގާނޫނީ ގޮތުން ބާތިލްވާނެ ކަންކަމަށް ކަމަށްބުނެ އިލެކްޝަން އިން ވަނީ ކޯޓުގައި ވަކާލާތު ކޮށްފަ އެވެ.

އެހެން ކަމުން އެ ކޮންގްރެސް ގާނޫނީގޮތުން ސައްހަ ނުވާނެ ކަމަށާއި އެ ކޮންގްރެސް އިލެކްޝަނުން ބޫލު ނުކުރާނެ ކަމަށް ބުނެފައިވެ އެވެ.

މި މައްސަލައިގައި ޕީޕީއެމުން ވަކާލާތު ކޮށްފައިވަނީ، މިދިޔަ އަހަރު ބޭއްވީ ޕީޕީއެމްގެ ހާއްސަ ކޮންގެސް އެއް ކަމަށާއި، ޚާއްސަ ކޮންގްރެސްތަކުގައި އަމަލު ކުރާނެ ގޮތްތައް ނިންމުމުގެ ބާރު ޕާޓީގެ ކައުންސިލަށް އޮންނާނެ ކަމަށެވެ.

އަދި އެ ކޮންގްރެސްގައި، ހިންގާ ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލު ނުކުރަން ނިންމީ ހާއްސަ ކޮންގްރެސްގައި އަމަލު ކުރާނެ ގޮތްތަކެއް ގަވާއިދުގައި ނެތުމުން ކަމަށް ޕީޕީއެމުން ބުނެފައިވެ އެވެ.

އެހެންކަމުން އެ ޕާޓީގެ ހާއްސަ ކޮންގެސް ގާނޫނާ ހިލާފް ވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށްވެސް ޕީޕީއެމުން ބުނެ އެވެ.