ކޮރަޕްޝަންގެ މައްސަލައެއްގައި ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން އަންގައިފިއެވެ.
އޭސީސީން ބަލަމުން ދަނީ ނިމާލް ފެނަކައިގެ އެމްޑީގެ މަގާމުގައި ހުންނެވި ދުވަސްވަރު ބ. އޭދަފުށީ އިންޖީނުގެއަށް މުވައްޒިފުން އިތުރުކުރުމަށްޓަކައި އެއްވެސް އިއުލާނެއް ނުކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މުވައްޒަފުން ނެގި ކަމަށް ބުނާ މައްސަލައެކެވެ.
އޭނާ އޭސީސީއަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހެނދުނު 11:30 އަށެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ މިއީ ވާދަވެރި ސިޔާސީ ޕާޓީގެ ގޮތުގައި މި ވަގުތު އޮތް އިދިކޮޅު ކޯލިޝަނަށް ބިރު ދައްކައި، ސިޔާސީ ނުފޫޒު ބޭނުން ކޮށްގެން، އިދިކޮޅުން ކުރަމުންދާ މަސައްކަތްތައް ހުޓުވަމުން ހިންގާ އަމަލެއް ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަންގެ ފަރާތުން މަގާމުތަކަށް ހޮވިފައިވާ ފަރާތްތަކުގެ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ސަރުކާރުން ހިންގާ އަމަލެއް ކަމަށްވެސް ކޯލިޝަނުން ބުންޏެވެ.
ނިމާލްގެ މައްސަލައެއް އޭސީސީން ބަލަން ނިންމާފައިވާއިރު، ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް އަތޮޅު ކައުންސިލަރުންގެ ރައީސުންގެ ތެރެއިން ހޮވިފައިވަނީ ނިމާލެވެ. އޭނާއަށް އެ މަގާމަށް ހޮވިފައިވަނީ ވަގުތު ހަމަވިއިރު އޭނާ އެކަނި ކުރިމަތިލާފައިވާތީއެވެ.