ޚަބަރު

އިމާރާތްކުރުމުގެ ގަވާއިދުތަކަށް ހިޔާލު ހޯދުމުގެ ދެވަނަ މަޝްވަރާ ބައްދަލުވުން ފަށައިފި

އަހުމަދު ޖައިޝަން

އިމާރާތްކުރުމުގެ ގަވާއިދުތަކާ މެދު ހިޔާލު ހޯދުމަށް ބާއްވާ ދެވަނަ މަޝްވަރާ ބައްދަލުވުންތައް ފަށައިފި އެވެ.

މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރަސްޓްރަކްޗަރުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ އެ ބައްދަލުވުމަކީ އިމާރާތްކުރުމުގެ ގަވާއިދުތައް އެކުލަވައިލާއިރު އެ ގަވާއިދުތައް އިސްލާހުކޮށް އިތުރަށް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތަކަށް މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

އެއް ދުވަހަށް ކުރިއަށްދާ އެ ބައްދަލުވުމުގައި މިނިސްޓްރީއާއެކު އިމާރާތްކުރުމުގެ ދާއިރާގައި ގިނަ ދުވަސްވަންދެއް މަސައްކަތްކުރައްވާފައިވާ ފަރާތްތަކުން ބައިވެރިވެއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެ ބައްދަލުވުމަކީ އިމާރާތްކުރުމުގެ ދާއިރާއާ ގުޅުންހުރި ގަވާއިދުތައް ތަންފީޒުކުރުމުގައި ހުރި އުނދަގޫތައް ތަންފީޒުކުރުމުގައި ދިމާވެދާނެ ދަތިތަކާއި އެ ދަތިތަކަށް ގެނެވިދާނެ ހައްލުތަކާމެދު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ.

އޭގެއިތުރުން ގަވާއިދުތަކުގެ ޕްރެޒެންޓޭޝަންތައް ދެއްކުމާއި ގެޒެޓުކުރެވޭ ގަވާއިދުތައް ރިވިއުކުރުމުގެ މަސައްކަތްވެސް އެ ބައްދަލުވުމުގައި ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އިމާރާތްކުރުމުގެ ގަވާއިދުތަކާ ގުޅޭ ފުރަތަމަ މަޝްވަރާ ބައްދަލުވުން ބާއްވާފައިވަނީ މިމަހުގެ 16 އާއި 16ގައެވެ.

މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވީ ފުރަތަމަ ބައްދަލުވުމަށްވުރެ މިއަދު ފެށި ބައްދަލުވުން ކާމިޔާބުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އިމާރާތް ކުރުމުގެ ކަންކަން ހަރުދަނާކުރުމަށް 13 ކަމެއް ކުރަން އަންގައި ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް ވަނީ މިމަހުގެ 15ގައި އަމުރުކޮށްފައެވެ.

އެގޮތުން އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުގެ ގަވާއިދު މާދަމާގެ ކުރީން ގެޒެޓުކުރުމަށް ވަނީ ކޯޓު އަމުރުގައި ބުނެފައެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ އެ ގަވާއިދު މާދަމާ ގެޒެޓު ކުރާނެ ކަމަށެވެ.