ކޮންމެ ދެމީހަކު ބައްދަލު ވިއަސް ނުވަތަ އާ ތަނަކަށް ދެވުނަސް އެންމެ ފުރަތަމަ ނަގައިލަނީ ސެލްފީއެކެވެ. ދުނިޔޭގެ ނިސްބަތުން ސްމާޓް ފޯނު ގެންގުޅޭ އާބާދީގެ އެންމެން ކަހަލަ ގޮތަކަށް ސެލްފީ ނެގުމަށް ފޯރި ހުންނަ އިރު ސެލްފީ ނެގުމަށް ދެވި ހިފުމުން ފުރާނައަށް ވެސް ނުރައްކާވެގެންދެއެވެ.
ޖަރނަލް އޮފް ފެމިލީ މެޑިސިން އެންޑް ޕްރައިމަރީ ކެއަރ ގައި ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައި ވާ ގޮތުން އޮކްޓޯބަރު 2011 އިން ނޮވެންބަރ 2017 އާ ހަމައަށް 259 މީހުން ސެލްފީ ނެގުމުގެ ތެރޭގައި ވަނީ މަރުވެފައެވެ.
އެ ރިޕޯޓުގައި އިތުރަށް ބުނެފަވާ ގޮތުން ސެލްފީ ނެގުމުގައި އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމު ތަކުގެ ތެރޭގައި އިންޑިއާ، ރަޝިއާ، ޔޫއެސް އަދި ޕާކިސްތާން ހިމެނެއެވެ. އަދި 72 ޕަސެންޓް އަކީ 30 އަހަރުން ދަށުގެ ފިރިހެނުންނެވެ.
އަންހެނުން ފިރިހެނުންނަށް ވުރެ ގިނައިން ސެލްފީ ނެގި ކަމުގައި ވިއަސް ސެލްފީ ނެގުމުގައި ރިސްކު ނަގަނީ ފިރިހެނުންކަމަށް މި ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.
މި ރިޕޯޓް ހެދި ފަރާތްތަކުން ވަނީ "ނޯ ސެލްފީ ޒޯންތައް" ހާއްސަކޮށް ޓުއަރިސްޓުން ދާ ހިސާބުތަކުގައި ފާހަގަ ކުރަން ލަފާދީފައެވެ. އޭގެ ތެރޭގައި ފަރުބަދަތަކާއި، ވޯޓަރ ފޯލްތަކާއި، އުސް އިމާރަތްތައް ހިމެނެއެވެ.