ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ރަޖިސްޓަރީ ކުރުމަށް ހުށަހެޅި ފޯމުތަކުގެ ތެރޭގައި ވަރަށް ނުރައްކާ ލެވެލެއްގައި ހުރި ފޯމުތަކެއް ހުރި ކަމަށާއި އޭގެ ތެރޭގައި ބަނގުލަދޭޝް މީހުން ބޭނުންކުރާ ފޯނު ނަމްބަރު ވެސް ފޯމުތަކުގައި ޖަހާފައި ހުރި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީ "ޚަބަރަށްފަހު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އޭގެ ތެރެއިން ބައެއް ބޭފުޅުން ސޮއިކޮށްފައިނުވާނެ ކަމަށް ވެސް ބުނެފައިވާ ކަމަށާއި އެހެންވުމުން ޕީއެންސީން ހުށަހެޅި 4000 ފޯމުގެ ސައްހަކަން ބަލަން ޖެހުނު ކަމަށެވެ.
"500 ފޯމު ޗެކްކުރި އިރު، އޭގެ ތެރެއިން 38 ޕަސެންޓް ފޯމު ވެރިފައި ނުވޭ. އޭގެ މާނައަކީ 38 ޕަސެންޓް ފޯމުގެ ތެރޭގައި ވަރަށް ނުރައްކާ ލެވެލެއްގައި ހުރި ފޯމުތައް ހުރި. އޭގެ ތެރޭގައި ބައެއް ބޭފުޅުން އަޅުގަނޑުމެން ސޮއެއް ނުކުރަމޭ ބުނި. އެ 500 ފޯމުގެ ތެރޭގައި ހުރި ބައެއް ކޮންޓެކްޓް ނަމްބާސްތަކަކީ ރާއްޖޭގައި މަސައްކަތްކުރާ ބަނގުލަދޭޝް މީހުންގެ ފޯނު ނަމްބަރު. އެހެންވީމާ އެކަމަށްޓަކައި އަޅުގަނޑުމެންނަށް ލާޒިމުކުރުވީ ޕީއެންސީގެ ހުށަހަޅާފައި ހުރި 4000 ފޯމު ޖެހޭނެއޭ އަޅުގަނޑުމެން ޗެކުކުރަން،" އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ވެރިފައި ނުވާ ފޯމުތަކުގެ ތެރެއިން ބައެއް ފޯމުތައް ޕީއެންސީއަށް ރައްދުނުކޮށް ކޮމިޝަނުން ހިފަހައްޓާފައިވާނެ ކަމަށާއި ސައްހަ ނޫން ގާތްގަނޑަކަށް 360 އެއްހާ ފޯމު ހިފަހައްޓާފައިވާނެ ކަމަށެވެ. އަދި އެ ފޯމުތަކާ މެދު އަމަލުކުރާނެ ގޮތެއް ކޮމިޝަނުން ނުނިންމާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ވެރިފައި ނުވާ ފޯމުތަކުގެ ތެރެއިން ބައެއް ފޯމުތައް އަޅުގަނޑުމެން ވާނީ ހިފަހައްޓާފައި. އަޅުގަނޑުމެން ޕީއެންސީއަށް އެ ފޯމުތަކެއް ރައްދެއް ނުކުރަން. ގާތްގަނޑަކަށް 360 ވަރަކަށް ފޯމު އެބަހުރި އެއީ ކަނޑައެޅިގެން ސައްހަ ނޫން، އަނެއްހެން އާދައިގެ ބަހުރުވައިން ދަންނަވާކަމަށްވާ ނަމަ، ވަގު ފޯމު ކަމަށް ޝައްކުކުރެވޭ ފޯމުތަކެއް. އޭގެ ތެރޭގައި އަޅުގަނޑުމެން ގުޅީމާ ސޮއިނުކުރަމޭ ބުނާ މީހުންނާއި އަދި ބަންގާޅީންގެ ފޯނު ނަމްބަރާއި ކަނޑައެޅިގެން ސައްހަ ނޫން މައުލޫމާތު. އެއާ ބެހޭގޮތުން ކޮމިޝަނަކުން އަދި މަޝްވަރާއެއް ނުކުރެވޭ އެ ފޯމުތަކާ މެދު އަމަލުކުރާނީ ކޮން ގޮތަކަށްތޯ،" އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ޕީއެންސީއަށް ހުއްދަ ދިނުމުގައި އަދި 3000 ފޯމު ހަމަކުރުމުގައި ވެސް އަމަލުކޮށްފައިވާނީ އެހެން ޕާޓީތަކާ މުއާމަލާތްކުރި ގޮތަށް ކަމަށާއި ދާދި ފަހުން އުފެއްދި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އާއި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)އާ މެދު ވެސް އަމަލުކޮށްފައިވާނީ ހަމަ އެގޮތަށް ކަމަށެވެ.
"އެމްއެލްއެސްޑީޕީ، އެބޭފުޅުން އަޅުގަނޑުމެންނަށް ފުރަތަމަ ހުށަހެޅުއްވީ 3400 ފޯމު. އަޅުގަނޑު ފުރަތަމަ ވެސް ބަލައިލި އިރުގައި 120 ފޯމު ފިޔަވައި އެހެން ހުރިހާ ފޯމެއް ރިޖެކްޓް. ސަބަބަކަށްވީ އެބޭފުޅުންނަށް ހުއްދަ ދިން ތާރީހަށް ވުރެ ކުރީގެ ތާރީހެއްގައި ފޯމު ފުރާފައި ހުރުން. ހަމަ އެ ދުވަހު އަޅުގަނޑުމެން އެބޭފުޅުންނަށް ފޮނުވީމާ އަނެއްކާވެސް އޭގެ ދެތިން ދުވަސް ފަހުން އެބޭފުޅުން އެ ފޯމުތައް ސައްހަކުރުމަށް ފަހު އަޅުގަނޑުމެންނަށް ފޮނުވީ. ހަމަ އެމްޓީޑީއަށް ވެސް އެގޮތަށް،" އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ބޭނުންކުރާ އުސޫލަކީ ފޯމުތައް ލިބުނީމާ ކޮންމެ ފޯމު ސެޓަކުން 500 ފޯމު ނަގައި، އެ ފޯމުތައް ވެރިފައިކުރަނީ ކަމަށާއި އެ 500 ފޯމުތަކުގެ ތެރެއިން 25 ޕަސެންޓް ފޯމަށް ވުރެ ގިނައިން މައްސަލަ ޖެހިއްޖެ ކަމަށް ވާނަމަ ހުރިހާ ފޯމުތަކެއް ޗެކްކުރަނީ ކަމަށެވެ.
"އެމްޓީޑީގައި 500 ފޯމުގެ ތެރެއިން 20 ފޯމު މައްސަލަ ޖެހުނީ، އަޅުގަނޑުމެންނަށް ވެރިފައި ނުކުރެވުނީ. އެމްއެސްއެލްޑީޕީގެ އަޅުގަނޑު ލަފާކުރާ ގޮތުގައި ގާތްގަނޑަށް އެންމެ ފުރަތަމަ 120 ފޯމު ފިޔަވައި ބާކީ ހުރިހާ ފޯމެއް ރިޖެކްޓްކުރެވުނު. ޕީއެންސީގައި ވެސް ހަމަ އިލެކްޝަންސް ކޮމިޝަނުން ނިންމީ ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގައި 500 ފޯމު ނަގާފައި، 500 ފޯމު ޗެކްކުރަން،" އޭނާ ވިދާޅުވިއެވެ.