ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ޑްރާފްޓް އެއްބަސްވުމާ ގުޅިގެން ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހިޔާ ފްލެޓްތަކުގެ ޑްރާފްޓް އެގްރީމަންޓް އާން މުހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީީ) އިން އާންމުކުރީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
އެޗްޑީސީން އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ 6،720 ފްލެޓްގެ ޑްރާފްޓް އެއްބަސްވުމަށް ފްލެޓަށް ހޮވިފައިވާ ފަރާތްތަކުން އެއްވެސް ހިޔާލެއް ހުށަހަޅަން ބޭނުންވާ ނަމަ އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ކުރިން [email protected] އަށް މެއިލް ކުރުން އެދޭ ކަމަށެވެ.
ހިޔާ ފްލެޓްތައް ލިބުން މީހުންނަށް އެ ފްލެޓްތައް ދައްކާލުމުގެ ފުރުސަތު އެޗްޑީސީން ވަނީ މިމަހުގެ 26 ވަނަ ދުވަހު ހުޅުވާލައިފަ އެވެ. ފްލެޓްގެ ހައްގުވެރިންނަށް ފްލެޓް ދެއްކުން އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
އަންނަ މަހުގެ 14 ވަނަ ދުވަހު ހިޔާ ފްލެޓް ލިބުނު ފަރާތްތަކާ އެކު އެގްރީމެންޓްގައި ސޮއިކުރުމަށްފަހު ހަމަ އެ ދުވަހު ފްލެޓްތަކުގެ ތަޅުދަނޑި އެފަރާތްތަކާ ހަވާލު ކުރާނެ ކަމަށް އެޗްޑީސީން މީގެ ކުރިން ބުނެފައިވެ އެވެ. ހިޔާ ފްލެޓްގެ ދަށުން 16 ޓަވަރު އިމާރާތް ކޮށްފައިވާއިރު އެގްރީމެންޓްގައި ސޮއިކުރުމަށް ހަމަޖައްސާފައިވަނީ ފަހަރަކު ޓަވަރެއް ނިންމުމަށްފަހު އަނެއް ޓަވަރު ފަށާ ގޮތަށެވެ.
ހަތަރުސަތޭކަ މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުން ހަދާފައިވާ ހިޔާ ފްލެޓްތައް އޭގެ ހައްގުވެރިންނަށް ހަވާލު ކުރާނީ އެތަނުގެ ފިނިޝިންގެ މަސައްކަތް ނުނިންމައި މިހާރު ހުރި ގޮތަށެވެ. އެހެންކަމުން އެތަން ހަވާލުކުރާނީ ތަޅުމުގައި ތަށިމުށި ނުޖަހައި ކޮޓަރިތަކާއި ފާހާނާތަކުގައި ދޮރު ހަރުނުކޮށް އަދި ކުލަ ވެސް ނުލައެވެ.
ހިޔާ ފްލެޓަށް ފައިސާ ދައްކަން ހަމަޖައްސާފައިވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7،500 ރުފިޔާއެވެ. އަދި ފްލެޓުތަކުގެ މެނޭޖްމަންޓް ފީގެ ގޮތުގައި މަހަކު 1000 ރުފިޔާ ނަގާނެއެވެ. އަދި ޑައުންޕޭމަންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުނަގަން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.