ސިނަމާލެ ބްރިޖް

މާލޭގެ އިރުމަތީ ފަރާތަށް ގިނަ އަދަދެއްގެ ކޮންކްރީޓް ހިލަ ލައްގަން ފަށައިފި

3

މާލޭގެ އިރުދެކުނުން ރާޅުގަނޑު ސަރަހަދުގެ އަތިރިމައްޗަށް ގިނަ އަދަދެއްގެ ކޮންކްރީޓް ހިލަ ލައްގަން ފަށައިފި އެވެ.

"ވަން އޮންލައިން"ގެ ނޫސްވެރީން މިއަދު ހެނދުނު އެ ސަރަހައްދަށް ގޮސް ބެލި އިރު އެތަނުގައި އާންމުކޮށް އޮންނަ ހުދު އަކިރިވެލިގަނޑުގެ ދެބަައިކުޅަ އެއްބަޔާ ގާތަށް މިހާރު ފެންނާން ހުރީ ކޮންކްރީޓް ހިލަ އެވެ. އަދި ޖަހާ ރާޅުތަކާ އެކުވެސް ގިނަ އަދަދަކަށް މި ފަދަ ހިލަ ލައްގަމުންދާތަން ފެނެ އެވެ.

އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް މިއަދު "ވަން އޮންލައިން"އަށް ވިދާޅުވީ އެ ހިލަ ތަކަކީ ބުރިޖު ހެދި އިރު ބޭރުމައްޗަށް އެޅިފައި ހުރި ހިލަ ކަމަށާއި އެހެން ނޫން ނަމަ އެހާ ގިނަ އަދަދަކަށް ކޮންކްރީޓް ހިލަ އެތަނަށް ލައްގަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

"ތަންކޮޅެއް ކުރީން ފުވައްމުލަކު ބޭރުން ބޯޓަކުން ކަނޑަށް އެޅުނު ހިލަތައް ވެސް ހަމަ މި ގޮތަށް އެރަށު ގޮނޑުދޮށަށް ލެއްގި. އެފަހަރު މީހުން ބަސްތާ ބަސްތާއިން ހިލަ ހޮވި. އެކަހަލަ ކަމެއް މީ. އެޅިފަ ހުރިލެއް ގިނަ ކަމުން އިރުވައި އޮޔާ އެކު އެދިމާއަށް ލައްގަމުން އެދަނީ." ނައީމް ވިދާޅުވި އެވެ.

މިހާ ގިނަ އަދަދެއްގެ ހިލަ އެ ސަރަހައްދަށް ލައްގަމުންދާތީ ނައީމް ވަނީ އޭނާގެ ފޭސްބުކްގައި އިއްޔެ ޖެއްސެވި ޕޯސްޓެއްގައި ވެސް އެކަން ފާހަގަކުރައްވައިފަ އެވެ.

ނައީމް ވިދާޅުވީ މިހާ ގިނަ އަދަދަކަށް ގޮނޑުދޮށަށް ހިލަ ލައްގަމުން އެދަނީ ވަރަށް ގިނަ ހިލަ ކަނޑަށް އެޅިފައި ހުރުމުން ކަމަށާއި އޭގެ ކުޑަބޮޑުމިން އެނގޭނީ ރަނގަޅަށް ބަލައިގެން ކަމަށެވެ. އެހެން ނަމަވެސް މަދު ހިލަކޮޅެއް ކަނޑުގެ ސަރަހައްދަށް އެޅުނަސް މި ގޮތަށް ގޮނޑުދޮށުގެ ކުލަ ބަދަލުވެގެންދާ ވަރަށް އެ ހިލަ ލެއްގުމުގެ ފުރުސަތު ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެހެން އެޅޭ ހުރިހާ ހިލައެއް ނުވެސް ލައްގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާޅުގަނޑު ސަރަހައްދުގައި ހުރި މީހަކު ބުނި ގޮތުގައި ކޮންމެވެސް ވަރަކަށް މި ހިލަ ލައްގާކަން ފާހަގަވާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި އެކަމަކު މިހާ ގިނައިން މި ލައްގަން ފެށީ މިހާރު ކަމަށެވެ.

"އަހަރެން މިތަނަށް ކޮންމެ ދުވަހަކު ހެނދުނު ކަހަލަ ގޮތަކަށް އެބަ އަންނަން. މިހާރު ހިލަ މި ލައްގަނީ ވަރަށް ގިނައިން. މިކަން ފާހަގަވާތާ ދުވަސްކޮޅެއް ވެއްޖެ." އެމީހާ ބުންޏެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟