ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިތުރު 12 ރަށެއްގައި އެޖެންޓް ބޭންކިން މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި އަދި ފައިސާ ދެއްކުމުގެ ހިދުމަތް ތައާރަފު ކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ މި ހިދުމަތާ އެކު ބީއެމްއެލް ކަސްޓަމަރުންނަށް އެޖެންޓުން މެދުވެރިކޮށް ދުވާލަކު 10،000 ރުފިޔާއާ ހަމައަށް ފައިސާ ޖަމާކުރުމުގެ އިތުރުން ލޯނާއި ކްރެޑިޓް ކާޑަށް ވެސް ފައިސާ ދެއްކޭނެ ކަމަށެވެ. އަދި އިތުރު ފީއަކާ ނުލައި ދުވާލަކު 2000 ރުފިޔާއާ ހަމައަށް ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގޭނެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ 62 އޭޖެންޓުން މެދުވެރިކޮށް އެއްވެސް ފީއަކާ ނުލައި މިހާރު ފައިސާ ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމުގެ ހިދުމަތް ބީއެމްއެލްގެ ކަސްޓަމަރުންނަށް މިހާރު ލިބޭނެއެވެ.
ބީއެލްއެލް އިން މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށްޓަކައި ކޭޝް އެޖެންޓުންގެ ހިދުމަތް ތައާރަފް ކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ. މިއީ ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް ރަށްރަށުގައި އަސާސީ ބޭންކިން ހިދުމަތް ދިނުމަށް ތައާރަފު ކުރި ހިދުމަތެކެވެ. އެއްވެސް ފީއަކާ ނުލައި ބީއެމްއެލް އިން އަންނަނީ 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް، ފައިސާ ނެގުމުގެ ހިދުމަތާއި 60 އަށް ވުރެ ގިނަ އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމުގެ ހިދުމަތްވެސް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ.