ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ސިންގަޕޫރާއި ތައިލެންޑުގައި ވޯޓުފޮށި ބަހައްޓާނީ ކަނޑައަޅާފައިވާ މިންވަރަށް މީހުން ރަޖިސްޓްރީ ކޮށްފިކަމަށް ވާނަމަ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވެއްޖެއެވެ.
އަކުރަމް މިހެން ވިދާޅުވެފައި ވަނީ ރޭ ދައުލަތުގެ މީޑިއާއިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މަދުވެގެން 100 މީހުން ރަޖިސްޓްރީ ކުރާ ކޮންމެ ހިސާބެއްގައި ވޯޓު ފޮށި ބަހައްޓާނެކަމަށް އަކުރަމް ވިދާޅުވިއެވެ. މީގެ އިތުރުން އަކުރަމް ވަނީ ފާއިތުވި ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބެހެއްޓުނު ހުރިހާ ހިސާބެއްގައިވެސް މިފަހަރު ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވީނަމަވެސް އެތަންތަނަށް ވެސް 100 މީހުން ރަޖިސްޓްރީ ނުވާނަމަ ވޯޓު ފޮށި ނުބެހެއްޓޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ އެބޭފުޅުންނަށް ވޯޓަށް ރެޖިސްޓްރީ ކުރުމުގެ ފުރުސަތު އަލުން ހުޅުވައިލުމަށް ހަމަޖެހިފައިވާ ކަމަށްވެސް އަކުރަމް ވިދާޅުވިއެވެ.
މިރޭ މަޖިލީހު އިންތިހާބުގެ ވޯޓާސް ލިސްޓް އާންމު ކުރާނެކަމަށްވެސް އަކުރަމް ވިދާޅުވިއެވެ. ވޯޓާސް ލިސްޓުގައި އަލަށް ވޯޓުލުމުގެ ހައްގު ލިބޭ 2336 ފަރާތެއް ހިމެނޭނެ ކަމަށް އަކުރަމް ވިދާޅުވިއެވެ. މީގެ އިތުރުން އެހެން ފަހަރުތަކާއި ހިލާފަށް މިފަހަރު ވޯޓާސް ލިސްޓު އާންމު ކުރަނީ އައިޑީ ކާޑު ނަމްބަރާއި، އުފަންދުވަހުގެ ތާރީހާއިއެކު ކަމަށް އަކުރަމް ވިދާޅުވިއެވެ. މިއީ 18 އަހަރުން ދަށުގެ ބޭފުޅުން ދެނެގަތުމަށް ފަސޭހަވާނެތީ ގެނައި ބަދަލެއްކަމަށް އަކުރަމް ވިދާޅުވިއެވެ.
މީގެ އިތުރުން މާދަމައިން ފެށިގެން ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެކަމަށްވެސް އަކުރަމް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށް އަކުރަމް ފާހަގަ ކުރެއްވިއެވެ.
އަކުރަމްގެ ވާހަކައިގައި ވަނީ މިފަހަރު ރީރެޖިސްޓްރީ ކުރަަން ޖެހޭނީ ރިޔާސީ އިންތިހާބުގައި އެމީހަކު ވޯޓުލީ ފޮށި ނޫން އެހެން ފޮށްޓަކަށް މަޖިލީހުގެ އިންތިހާބުގައި ވޯޓުލާކަމަށް ވާނަމަ ކަމަށް ވިދާޅުވެފައެވެ. މިއީ ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ ގޮތުން ނިންމެވި ގޮތެއް ކަމަށް ވެސް އަކުރަމް ފާހަގަ ކުރެއްވި އެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ އޭޕްރީލްމަހު 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ރޭ އިލެކްޝަނުން ވަނީ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފައެވެ. މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 21 ފެބްރުއަރީ 2019 އެވެ.