ޚަބަރު

ރޭގެ ހަފްލާއަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ހުޅުވާލުމަށް ބޭއްވުނު ހަފްލާއެއް: އަކުރަމް

1

އިލެކްޝަންސް ކޮމިޝަނުން ރޭ ބޭއްވި ހަފްލާއަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ހުޅުވާލުމަށް ބޭއްވުނު ހަފްލާއެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް ވިދާޅުވެއްޖެއެވެ.

އަކުރަމް މިރޭ މިހެން ވިދާޅުވެފައި ވަނީ ދައުލަތުގެ މީޑިއާއިން ގެނެސްދޭ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. އަކުރަމް ވަނީ މިއަދު ބައެއް މީޑިއާތަކުގައި އިލެކްޝަންސްއިން ބަޖެޓުގެ ދަތިކަން ހުރި އިރުވެސް ލޯގޯ އިފްތިތާހުކުރުމަށް ބޮޑު ހޭދައެއް ކުރި ވާހަކަދައްކަމުން ދިޔަނަމަވެސް އެއީ ކަނޑެޅިގެން ދޮގު ވާހަކައެއް ކަމަށް ވަނީ ވިދާޅުވެފައެވެ. މިއާއެކު އަކްރަމް ވަނީ އިލެކްޝަނުން އަބަދުވެސް ކޮންމެ އިންތިހާބެއްވެސް އިއުލާނު ކުރަނީ އެކަމަށް ހާއްސަ ހަފްލާއެއް ބޭއްވުމަށް ފަހު ކަމާއި ރިޔާސީ އިންތިހާބަށް ވެސް ކަންކުރެއްވީ މިހެން ކަމަށް ވިދާޅުވެފައެވެ. އަދި ރޭގެ ހަފްލާއަކީ މަޖިލީހުގެ އިންތިހާބަށް ހުޅުވާލުމަށް ބޭއްވުނު ހަފްލާއެއްކަމަށް އަކުރަމް ވަނީ ވިދާޅުވެފައެވެ.

ލޯގޯ އާއި ކުލަ ތައާރަފްކުރެވިގެން ދިޔައީ ހަފްލާގައި ކުރިއަށްދިޔަ އިތުރުކަމެއްގެ ގޮތުގައި ކަމަށް އަކުރަމް ވިދާޅުވިއެވެ. އަދި ލޯގޯ އާއި ކުލަ ތައާރަފް ކުރުމަށް ކޮމިޝަނުން ބޭކާރު ހަރަދެއް ނުކުރާކަމަށާއި ލޯގޯ އާއި ކުލަ އިފްތިތާހު ކުރުމަށް ހަރަދު ކުރުމީ ބޭކާރުކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް އަކުރަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަކުރަމް ވަނީ އިލެކްޝަންސްގެ ލޯގޯއާއި ކުލަ ބަދަލުކޮށްފައިވަނީ ކުއްލިގޮތަކަށް ނޫން ކަމަށާއި މިއީ މީގެ ދެ އަހަރު ކުރިން ބޭއްވުނު ޑިމޮކްރަސީ ވީކްގެ ތެރެއިން ނިންމި ނިންމެވުމެއް ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟